ހުކުރު ހުތުބާ ޓީވީން ލައިވް ކުރާއިރު އިނގިރޭސިބަހުން ސަބްޓައިޓްލް އަރުވަން މިއަދު ފަށައިފި އެވެ.
މިއީ ރާއްޖޭގައި ވަރަށް ގިނަ ބިދޭސީ މުސްލިމް މަސައްކަތްތެރިން ދިރިއުޅެމުންދާތީ އެ މީހުންނަށް އަމާޒުކޮށް އިސްލާމިކް މިނިސްޓްރީން ފެށި މަސައްކަތެކެވެ. މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އާންމުންގެ ހިޔާލަކަށް ހުޅުވާލީ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމަށެވެ.
ނަމަވެސް ފަހުން ނިންމީ ދިވެހިބަހުން ހުތުބާ ކިޔުމަށް ފަހު، ޓީވީ ލައިވްގައި އިނގިރޭސި ސަބްޓައިޓަލް އެރުވުމަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަލަށް ލައިވް ޓްރާންސްލޭޝަން ސަބްޓައިޓަލް އަރަން ފެށި އިސްލާމީ މަރުކަޒު ޓީވީތަކަށާއި އެ ވުޒާރާގެ ޕޭޖަށް ކަމަށެވެ.
ހުކުރު ހުތުބާގެ ތަރުޖަމާ އިނގިރޭސިބަހުން ލައިވްކޮށް ގެނެސްދިނުމަށް އެ ވުޒާރާއިން ފަށާފައިވާއިރު އެ ވުޒާރާއިން ގެންދަަނީ އިޝާރާތުގެ ބަހުން ވެސް ހުތުބާ ގެނެސްދެމުންނެވެ. ރާއްޖޭގައި އިނގިރޭސި ބަހުން ތަރުޖަމާކޮށް ހުތުބާ ގެނެސްދޭން ނިންމާފައިވާއިރު މީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހުތުބާގައި ކިޔާ އެއްޗެއް އެނގިގެން ދާނެއެވެ.

