ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލް، ޔާމީނަށް: ”އަޅުގަނޑާއި ބައްޕަގެ އިލްމެއް ނެތްކަމަށް ބުނެ ކަންބޮޑުވަނީ، މަނިކުފާނުގެ ކިޔެވި ދަރީން ގައުމަށް ކުރީ ކޮން ހިދުމަތެއް؟“

އަބްދުއްރަހީމް އަބްދުﷲ އާއި ދަރިކަލުން އިބްރާހިމް ފައިސަލް/ ފޮޓޯ: ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މިއަދު ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމް/ޕީއެންސީގެ ހައްގުގައި ގަނަތަޅި ސިޔާސީ އަޅު މަސައްކަތް ކުރައްވަމުން ގެންދެވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިލްމަކީ މުހިންމު އެއްޗަކަށް ނުވޭތޯ އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ސުވާލު އުފައްދަވައިފި އެވެ.

ގާތް ގުޅުމެއް އޮތް އަބްދުއްރަހީމަށް އެންމެ ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނެވެ. އެގޮތުން އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ އެކި ޖަލްސާތަކުގައި އަބްދުއްރަހީމްގެ ތައުލީމީ ފެންވަރާއި ގާބިލުކަމަށް ރައީސް ޔާމިން ސުވާލު އުފައްދަވަ އެވެ. އެ ވާހަކަތަކަށް ޕީއެންސީގެ ހަރުގެ އެކި ޖަލްސާތަކުގައި ޕާޓީގެ މެމްބަރުން ރައްދު ދެއްވަ އެވެ. އަދި ފައިސަލްއަށް އަމާޒު ކުރާ ފުރައްސާރައިގެ ބަސްތަކަށާއި، ޖޯކުތަކަށް އޭނާ ވެސް ދޭތެރެއަކުން ރައްދު ދެއްވަ އެވެ.

ފައިސަލް އަނެއްކާވެސް ބައްޕާފުޅުގެ ދިފާއުގައި ދިގު ޕޯސްޓެއް ލިޔުއްވީ އެންމެ ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ދެކެވުނު ވާހަކަތަށް މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ.

ބައްޕާފުޅު އަބްދުއްރަހީމަށް ލިޔުއްވި ދިގު ޕޯސްޓު އެންމެ ފުރަތަމަ، ފައްޓަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި މެދުކެނޑުމެއް ނެތި 20 އަހަރު ސިޔާސީ މަސައްކަތް ކުރެއްވީ ވަރުބަލިކަމެއް ފޫހިކަމެއް ނެތިކަމަށެވެ. އެއީ ރައީސް ޔާމީންގެ ހައްގުގައި އަބްދުއްރަހީމް ކުރެއްވި ސިޔާސީ އަޅު މަސައްކަތަށް މުޅި ގައުމު ހެކިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ދުވަހު ބައްޕާފުޅުގެ ތައުލީމު މުހިންމު ނުވާތީ، ރައީސް ޔާމީން އެކަމަށް ސުވާލު ނުކުރައްވާކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވިގޮތުގައި 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ގެއްލުނު ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަބަލުން މެދުވެރިކޮށް މުލިއާގެއިން ޕީޕީއެމް ހިންގަވައި ލީޑާޝިޕްގެ ގިނަ ބަޔަކު ގަސްތުގައި އެއްފަރާތް ކުރުން ހިމެނެ އެވެ.

2018 ގައި މަނިކުފާނާއި މަނިކުފާނުގެ އަނބިކަބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމް ގެ އޮޑި ފަރަށް އެރީ އަޅުގަނޑުގެ ބައްޕަ ހިމެނޭހެން ޕީޕީއެމް ގެ ލީޑަރޝިޕްގެ ގިނަބަޔަކު ދުރަށް ޖައްސައި، މަނިކުފާނުގެ އަންހެނުންލައްވައި ޕީޕީއެމް ހިންގުވައި މުލިއާގޭގައި ”ސިހުރުތަށި“ ދުއްވަން އުޅުމުގެ ނަތީއްޖާއެއްގެ ގޮތުންނެވެ. ހަޤީޤަތުގައިވެސް އެ އިންތިޚާބުގައި މަނިކުފާނު އަތުގައި މަދީ އަލާއުއްދީނުގެ ވޮއްގަނޑާއި އުދުހޭ މުސައްލަ ނެތުމުންނެވެ.

ރިޔާސީ އިންތިހާބު ގެއްލުމުން، އޭގެ ޖެހިގެން އައި އަހަރު އޮތް މަޖިލިސް އިންތިހާބުގައި އެންމެ 8 ގޮނޑި ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ ރައީސް ޔާމީން ގަސްތުގައި ކުރެއްވި ކަމެއްގެ ގޮތުގައި ނަތީޖާކަމަށާއި، އެމަނިކުފާނު ބޭނުންވީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރި މެމްބަރުން ދުރާލައި ރާވައިގެން ފެއިލްކޮށްލުމަށްކަމަށް ފައިސަލް ވިދާޅުވި އެވެ. އެއީ ރައީސް ޔާމީންގެ ބާރެއް ނެތުމުން، ޕާޓީގައި ދެން ތިއްބެވި ބަޔަކު އަޅުވެތިކަމުގައި ބެހެއްޓުމުގެ ކެހިވެރި ނިޔަތެއްކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަބަބުންނާއި، އެހެން ބައެއް ހާލަތްތަކާއި ހުރެ ރައީސް ޔާމީން ދޫކޮށް ޕާޓީގެ އިސް ގިނަ ބަޔަކު ދިއުމުން ހުރިހާ ތަކުލީފެއް އުފުލަން ހުންނެވީ ބައްޕާފުޅުކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހުރިހާކަމަކާއި ވެސް އަބްދުއްރަހީމް ކުރިމަތިލީ ކެތްތެރިކަމާއި އެކު ކަމަށެވެ. ފައިސަލް ވިދާޅުވީ 2019 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ވޮޑަމުލާ މައްސަލައިގައި އިއްވި ފަސް އަހަރުގެ ހުކުމާއި އެކު ޕީޕީއެމް، ޕީއެންސީ ހިންގަން ”ގަނަތެޅުނީ“ އަބްދުއްރަހީމް ކަމަށެވެ. އަދި އެ ހުކުމުން ސުޕްރީމް ކޯޓު މެދުވެރިކޮށް މިނިވަންވެ އެނބުރި ވަޑައިގަތް އިރު ޕާޓީގެ ހުރިހާ ހަރަކާތެއް ބައްލަވަމުން ގެންދެވީ ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އޭރު އޮތް ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައީސް ޔާމީންގެ ހައްގުގައި ވެސް މަސައްކަތް ކުރެއްވީ އަބްދުއްރަހީމްކަމަށާއި، ޖަލުން އެނބުރި ވަޑައިގެން އޮތް އެންމެ ފުރަތަމަ ޖަލްސާގައި ވެސް ބައްޕާފުޅަށް ކުރެއްވި ތައުރީފާއި ވިދާޅުވި ސަނާ އަދިވެސް ހަނދާނުގައި އެބަހުރިކަމަށެވެ. އެ ހުރިހާ ސަނާއެއް ކިޔުއްވިއިރު އަބްދުއްރަހީމަކީ އިލްމެއް ހިލްމެއް ނެތް މީހެއްކަން ރައީސް ޔާމީނަށް އެނގިވަޑައިނުގެންނެވީތޯ ފައިސަލް ސުވާލު އުފެއްދެވި އެވެ.

2023 ގެ ރިޔާސީ އިންތިހާބު އައިސް ޖެހުނުއިރު، އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ހުރިހާ މަގެއް ހޯދީ އެމްޑީޕީންކަމަށާއި އެއީ ރައީސް ޔާމީން 2018 ގައި ރައީސް މުހައްމަދު ނަޝީދާއި މެދު ކަންތައް ކުރެއްވި ގޮތްކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތް ހެދީ، އެމަނިކުފާނު އިސްވެ ހުރެ ރައީސް ނަޝީދުގެ ކެންޑިޑެސީއާއި އެ ޕާޓީގެ ”ދުވަސް ދުއްވާލުމުން“ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ތިމާއަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބެން ބޭނުން ނުވުމަކީ ރައީސް ޔާމީންގެ ސިފައެއް ކަމަށެވެ. އަދި ޕާޓީ ފަސް އަހަރު މަގުމަތިކޮށް، އަނެއް ފަސް އަހަރު ވެސް މަގުމަތި ކުރުމުގެ ވިސްނުން ގެންގުޅުއްވީ ހަމަ އެ ސަބަބާއި ހުރެކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ތިމާގެ ފެއިލިއާއެއްކަން ގަބޫލު ކުރަން ރައީސް ޔަމީން ބޭނުންފުޅު ނުވާކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އަމިއްލަ ތަރިކަ މުދަލެއްހެން ރައީސް ޔާމީނަށް ހީފުޅުވީ ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ. އެކަމަކު އެއީ ތިމާގެ މުދަލެއްކަމަށް ދެކި ޕާޓީގެ ހިންގުމަށް ލިބުނު އެތައް ފައިސާއެއް ރައީސް ޔާމީން ގެންދެވީ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރަމުންކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން ޕާޓީގެ ލީޑާޝިޕާއި، އެހެން ބަޔަކަށް ނޭނގެން އެތެރޭގައި މަސައްކަތް ކުރަމުން ދިޔައީ މޮޔައިން ނޫންކަމަށް ފައިސަލް ވިދާޅުވި އެވެ.

ތިމާ އަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބުމަށް ނޭދޭތީ މުޅި އިދިކޮޅު ނުހަނު ނިކަމެތި ކަމާއެކު އިތުރު ފަސް އަހަރު މަގުމަތީގައި ބޭއްވުމަށް މަނިކުފާނު ނިންމެވި ހިސާބުން މަނިކުފާނުގެ ލީޑަރޝިޕު ފެއިލްވިކަން މަނިކުފާނަށް ހިސާބުޖަހަން ނޭގުމަކީ ހަޤީޤީތެކެވެ. ޕާޓީ އަކީ މަނިކުފާނުގެ ތަރިކަ މުދަލެއްކަމަށް ހިތާ ޕާޓީ އަށް ލިބުނު ފައިސާގެ އެކި މިންވަރުގެ އެހީ އިން ބޮޑު ބައެއް 2013 އިން ފެށިގެން އަމިއްލަފުޅު އެކައުންޓްތަކަށް ލައްވަމުން ދިޔައީ ޕީޕީ އެމް ޢާންމު މެމްބަރުންނަކީ މޮޔައިން ކަމަށް މަނިކުފާނު ދެކޭތީތޯއެވެ.

ރައީސް މުއިއްޒާއި، އޭނާގެ ބައްޕާފުޅުގެ ހިތްވަރާއި ކެރުން ނެތް ނަމަ ރައީސް ޔާމިންގެ ނިޔަތް ކާމިޔާބުވެ މިއަދު ވެސް ތިބެން ޖެހޭނީ މަގުމަތީގައިކަމަށް ފައިސަލް ވިދާޅުވި އެވެ. އެއީ ގައުމު އޮޔާ ގޮސް، މިސްރާބެއް ނެތި އުޅެން ޖެހޭނެ ދުވަސްތަކެއް އަންނާނެ ފަދަ ހާލަތެއްކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރައީސް ޔާމީން ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މަލީހު ޖަމާލާއި އެކު މަސައްކަތް ކުރާއިރު އެއީ އެމަނިކުފާނު ނައްތާލަން އެންމެ ބޮޑަށް މަސައްކަތް ކުރި މީހުންކަމަށް ވިދާޅުވީ ހުދު އެމަނިކުފާނުކަން ރައީސް ޔާމީން ހަނދާނުގައި ހުންނަން ޖެހޭނެކަމަށެވެ.

ޕޯސްޓު ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ، އޭނާއާއި ބައްޕާފުޅު ނުކިޔަވާކަމަށް ބުނެ ކޮންމެ ދުވަހަކު އެ ފުރައްސާރަ ރައީސް ޔާމީން ކުރައްވާއިރު މޮޅަށް ކިޔަވައިގެން ތިބި އެމަނިކުފާނުގެ ދަރިން މި ގައުމަށް ކުރި ހިދުމަތެއް ވެސް ނެތްކަމަށެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އަކީ ނުކިޔަވާތިބި މީހުންކަމަށް ވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އަކީ ނުކިޔަވާތިބި މީހުންކަމަށް ވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ. ކުރުކޮށްލާފަ ދަންނަވަމެވެ! އަޅުގަނޑުވެސް އަޅުގަނޑުގެ ބައްޕަވެސް މަނިކުފާނުގެ ސިޔާސީ ގުއިރޯނުގައި ދެން ނުޖެހޭނަމެވެ. އަދި މަނިކުފާނަށް ދެން މި ޤައުމުގެ ޚަޒާނާއަށް އަތްބޭނުމަށް ޖާގައެއްވެސް ނުދޭނަމެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް!

ޕީއެންއެފްގެ ޖަލްސާތަކުގައި ކުރާ ފުރައްސާރަތަކަށް ފައިސަލް މިއަދު ރައްދު ދިންއިރު އެ ޕާޓީން ކޮންމެ ރެއަކު ވެސް އަބްދުއްރަހީމާއި ފައިސަލްއަކީ އެއްވެސް ތައުލީމެއް ނެތް ބައެއްކަމަށް ބުނެ އެ ވާހަކަ ދައްކަވަ އެވެ. އަދި ރައީސް މުއިއްޒު ތައުލީމަށް އެއްވެސް ގަދަރެއް ނުކުރައްވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 44%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: