ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނީ ހުރިހާ ގައުމަކާއ ވެސް ގުޅުން ބަދަހިކޮށް ކުރިޔަށް ދިއުމަށްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
ރާއްޖެ – އިންޑިއާ ދެމެދު އެމްޑީޕީގެ ސަރުކާރުގައި ގާއިމުކުރި އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި މައުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގިނަ އާރުޓީއައިތަކެއް އަޒާން ހުށަހަޅާފައި ވާނެ އެވެ. ދިޔަރެސްގެ ކުރީގެ ނޫސްވެރިޔާ އަޒާން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ކޯޓަށް ވެސް ހުށަހަޅުއްވާފަ އެވެ. އަދި އިންޑިއާގެ އެއްބަސްވުންތަކުގެ މައުލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު މަޖިލިސް އިންތިހާބުގައި ވާދަކޮށް ކާމިޔާބުވުމުން ވެސް އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން މަޖިލީހުގެ ތެރެއިން ހޯދައި ހާމަކުރައްވާނެކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ސަރުކާރު ދެމެދު ކުރި މަޝްވަރާތަކަށް ފަހު އިންޑިއާގެ ސިފައިން ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެކަމަކު އެ މަސައްކަތުގެ ތެރެއިން ގުޅުމަށް ބުރޫއަރާ ކަންތަކެއް ވެސް ހިނގައިދިޔަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވިއިރު އެ މައްސަލައާއި ގުޅުވައި ބައެއް މީހުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ. އަދި މިހާރު ގެންގުޅެނީ އިންޑިއާ އިން ޕޮލިސީއެއްކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައިގެ ރައްދަށް އަޒާން ވިދާޅުވީ ރައީސް މުއިއްޒަކީ ދިވެހި ގައުމުގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސްކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ.
އަޒާން ވިދާޅުވީ އިންޑިއާއަކީ ރާއްޖެ ހިފިދާނެވަރުގެ ބޮޑު ގައުމެއްކަމަށް ވެސް ދެކި އެ ވާހަކަ ދެއްކީ އެމްޑީޕީކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރުމުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާނެކަމަށް ވެސް އެމްޑީޕީ ބުނެފައިވާކަމަށެވެ.
ރައީސް ޑރ.މުއިއްޒު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކޮށް ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރައްވާނެ. އެމްޑީޕީއިން ބުނީ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިން ބަނޑަށް ޖެހިދާނެ ކަމަށް ބުނި. އޭރާ މިހާރުގެ ތަފާތަކީ މިއީ.
ޖައިޝަންކަރުގެ ދަތުރުފުޅުގެ ތެރޭގައި މުހިންމު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ދެމެދު ފްރީޓްރޭޑު އެއްބަސްވުމެއް ހެދުމަށް މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އައު ފްރީ ޓްރޭޑް އެގްރީމަންޓުން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އިތުރު ލުއިތައް ރާއްޖެ އަށް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ، ދެ ގައުމުގެ މެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމެވެ.
ޒަމީރު ވަނީ އިންޑިއާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިންޑިއާ އިން ދޭ އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

