ދިވެހި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާ އަބަދުވެސް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމައި އިންޑިއާއިން ވަނީ އެ މަޝްރޫއުތައް މިއަދު ދިވެހި ސަރުކާރަށް ހަވާލުކޮށްފަ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުވެގެން ދިޔަ މި ވަސީލަތަކީ ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ އަސާސީ އެއް ހިދުމަތް ކަމަށެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދީ، ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ކުރަމުން ދާ މަސައްކަތުގައި އިންޑިއާ ވެދިން އެހީތެރިކަމަށް ޝުކުރުއަދާކުރާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދަޅުވީ ސަރުކާރުގެ އަމާޒަކީ ރަނގަޅު ސާފު ފެން ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ކުރީގައި އިއުލާނު ކުރި ބައެއް މަޝްރޫއުތައް ރަނގަޅު ގޮތުގައި ތަންފީޒު ކުރެވިފައި ނެތުމުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ޕްރޮޖެކްޓުތައް ނިންމަން ސަމާލުކަން ދިންކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ޖައިޝަންކަރުގެ ދަތުރުފުޅާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ މޫޒާ ޒަމީރު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އަދި މިއީ އިތުބާރާއި ގަދަރުކުރުމުގެ މައްޗަށް ބިނާވެފައި އޮތް އެކުވެރިކަމަށާއި އަހަރުތައް ފާއިތުވަމުން އަންނަ މިންވަރަކަށް ގުޅުން ރަނގަޅުވަމުން އަންނަކަން ޒަމީރު ފާހަގަކުރެއްވި އެވެ.

