ރާއްޖެއަށް އެންމެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުވައި އެކަމަކުން ބޭނުންވާ އެހީތެރިކަން އިންޑިއާއިން ފޯރުކޮށްދޭނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
މި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއުތައް ނިންމައި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ އުފަލެއްކަމަށެވެ. އިންޑިއާ – ރާއްޖޭގެ ގުޅުމަކީ ވަރުގަދަ ގާތް ގުޅުމެއްކަން ފާހަގަކޮށް ޖައިޝަންކަރު ވިދާޅުވީ ސިޔާސަތުތައް ބައްޓަން ކުރާނީ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ކުރުވަނި ގޮތަކަކަށް ކަމަށެވެ.
ޖައިޝަންކަރު ވިދާޅުވީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ، މެރިޓައިމް ނުވަތަ ބޭންކިންއާއި އަދި އުމްރާނީ ތަރައްގީއާއި ގުޅުން ހުރި ކިތަންމެ ބޮޑު ކަމެއް ނަމަވެސް އެހީތެރިކަން ދިނުމުގައި އިންޑިއާ އޮންނާނީ ތައްޔާރަށް ކަމަށެވެ. އަދި އެކުގައި ކުރިޔަށްދާ ވަރަކުން އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުގެ ލިސްޓު މާ ދިގުވާނެކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރު ވިދާޅުވީ ގާރާންޓާއި، ލޯނުތައް އަދި ބަޖެޓަރީ ސަޕޯޓުތަކަކީ އޭގެ ނަތީޖާ ފެންނަމުން ދާ މަސައްކަތްތަކެއް ކަމަށެވެ. މި ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރާ މަސައްކަތުގައި، އަބަދުވެސް ބަލާނީ ރައްޔިތުން ބޭނުންވާ ގޮތްކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
މީގެއިތުރުން ޖައިޝަންކަރު ވިދާޅުވީ މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށެވެ. މި ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ވަރުގަދަކުރުމަށް މަޝްވަރާ ކުރެވޭނެކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވީ އޭނާގެ ކޮންމެ ދަތުރުފުޅެއްގައި ވެސް ރާއްޖެއަށް އެންމެ އެހީތެރިކަން ބޭނުންވާ ދާއިރާތައް ބަލައި މައުލޫމާތުތައް އޮޅުންފިލުވާކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި ބައްދަލު ކުރައްވައި އެ ގައުމުން ކުރިޔަށް ގެންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ސާފު ކުރައްވާކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މި ފަހަރުގެ މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި ބައްދަލު ކުރައްވާނެކަމަށް ޖައިޝަންކަރު ހާމަކުރެއްވި އެވެ.

