ޕީޕަލްސް ނެޝަނަލްް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ބޮޑު ހަރަކާތެއް ފަށައިފި އެވެ.
މިއީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓިއަށް ޕީއެންސީ ހެދުމަށްޓަކައި ފެށި މަސައްކަތެކެވެ. މާލެއާއި ވިލިމާލެ ހިމެނޭހެން 12 ސަރަހައްދެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ޕާޓީގެ ލީޑަރޝިޕުން ބައިވެރިވެވަޑައިގަންވައެވެ.
ޕީއެންސީއިން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދާނީ ސިލްސިލާކޮށްނެވެ. މި ހަރަކާތުގެ ތެރެއިން ފޯމު ހިފައިން ޑޯ-ޓު-ޑޯ އަށް ހިނގާ، ފާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެކަމަށް ޕީއެންސީއިން ބުންޏެވެ.
މެންބަޝިޕް އިތުރުކުރުމުގެ ހަރަކާތެއް ޕީއެންސީން ކުރިއަށް ގެންދާއިރު މީގެކުރިންވެސް އެ ޕާޓީއަށް މީހުން އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިވަގުތު ރާއްޖޭގައި އެންމެ މީހުން ގިނައީ އެމްޑީޕީގައެވެ. އެއީ 50،000 އަށް ގިނަ މެންބަރުންނެވެ. މިއަހަރު ފެށުން އިރު ޕީއެންސީގައި ތިބީ 3،000 އެއްހާ މެންބަރުން ނަމަވެސް މިހާރު ޕީއެންސީގައި 28،000 މެންބަރުން އެބަތިބިއެވެ. ސަރުކާރުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކުގެ ލިސްޓަށް ޕީއެންސީ އެރީވެސް މިއަހަރުގެ ތެރޭގައެވެ.

