ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މަޝްރޫއުއެއް މަޑުޖައްސާލާފައި ނުވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް އައުމަށް ފަހު ކުރީ ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެކި ފަހަރު މަތީން އެކަން މަޖިލީހަށް ވެސް ހުށަހެޅި އެވެ. އަދި ބައެއް ރަށްތަކުގެ މަޝްރޫއުތަކަށް ބޭނުން ކުރަމުން ދިޔަ މެޝިނަރީސްތައް ވެސް ގެންގޮސްފައިވާކަމަށް ކުރާ ތުހުމަތުތަކަށް ސަރުކާރުން ބުނެފައި ވަނީ ހުއްޓިފައި ހުރި މަޝްރޫއުތައް ފެށީ މި ސަރުކާރުން ކަމަށެވެ.
އެވޯޑު ކުރުމަށް ފަހު ނުފެށި ހުރި އެތައް މަޝްރޫއެއް ހުރިއިރު، އަލަށް ފެށި މަޝްރޫއުތަކާއި އެކު ޖުމްލަ ޕްރޮޖެކްޓުތަކުގެ ތަފްސީލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ކުރި ސުވާލުތަކަށް މުއްތަލިބު ވިދާޅުވީ ފެނާއި ނަރުދަމާގެ އެއްވެސް ރަށެއްގެ ޕްރޮޖެކްޓެއް ހުއްޓިފައި ނޯންނާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
އެއްވެސް ރަށެއްގެ މަޝްރޫއެއް މަޑުޖައްސާލާފައި، ނޫނީ ހުއްޓާލާފައި އަޅުގަނޑުމެން ނުތިބޭނަން.. ވީހާވެސް އަވަހަށް މަޝްރޫއުތައް ފަށައި، ރައްޔިތުންނަށް ގެނެސްދޭނަން..
މުއްތަލިބު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނަތީޖާ ނެރެންކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.

