ދިވެހިރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ހުއްދަ ދޫކޮށް، އެ ކުންފުންޏެއް ލައިސެންސް ހަވާލު ކުރި މަސައްކަތް އަހަރަކަށް ވުރެ ދިގު މުއްދަތަކަށްކޮށްފައި ނުވާނަމަ ލައިސެންސް ހިފަހައްޓައި ބާތިލު ކުރެވިދާނެކަމަށް ފޮރިން އިންވެސްޓްމަންޓު ބިލުގައި ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭ އުސޫލު ބަޔާން ކުރުމެވެ. އަދި ބިލުގެ ދަށުން އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާން ކުރާނެ އެވެ.
ބިލުގައި ފޮރިން އިންވެސްޓްމަންޓު ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ހޯދުމުގެ އުސޫލު ތަފްސީލު ކުރެއެވެ. އަދި އިންވެސްޓު ކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާއާއި އިންވެސްޓު ކުރަން އެދި ހުށަހެޅޭނެ ފަރާތްތަކުގެ އިތުރުން ދިވެހި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕްގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ބަދަލު ކުރުމުގެ އިޖުރާއަތު ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ފޮރިން އިންވެސްޓްމަންޓް ލައިސެންސް ދިނުމާއި، އޭގައި ހިމަނަން ޖެހޭ މައުލޫމާތުތައް އަދި ލައިސެންސް ހިފަހައްޓައި ބާތިލު ކުރެވޭނެ ހާލަތްތައް ވެއެވެ. އަދި ޖުރިމަނާކޮށް މައްސަލައެއް ބެލުމާއި ގާނޫނާއި ހިލާފު އަމަލުތަކަކީ ކޮބައިކަން ވަނީ ތަފްސީލުކޮށްފަ އެވެ.
ބިލުގައި ބުނާގޮތުގައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިކަން އުފައްދައި އިތުރު ކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީ އެވެ. އަދި ސިޔާސަތުތަކާއި ބޭނުންވާ އިންވެސްޓްމަންޓު ދެނެގަތުމަށް ދިރާސާކޮށް ފީސިބިލިޓީ ރިޕޯޓުތައް މިނިސްޓްރީން ތައްޔާރު ކުރަން ޖެހޭނެ އެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގައި ހުރި ފުރުސަތުތަކާއި ކަމާއި ގުޅޭ އިޖުރާއަތު ވެސް ސާފުކޮށްދޭން ޖެހޭނެކަމަށް ބުނެ އެވެ.
ހުއްދަ ހޯދައިގެން ކަނޑައެޅޭ ދާއިރާއެއްގައި އިންވެސްޓު ކުރަން ޖެހޭއިރު ފޮރިން އިންވެސްޓްމަންޓު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުވާލާފައިވާ ދާއިރާތަކާއި ޝަރުތުތަކާއި އެކު އިންވެސްޓު ކުރެވޭ ދާއިރާތަކެވެ. އެއީ ވަކި ޝަރުތުތަކެއް ހަމަވެގެން ނޫނީ އިންވެސްޓު ނުކުރެވޭ ދާއިރާތަކެވެ.
އިންވެސްޓު ނުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ހިމަނާފައި ވަނީ އޭގެ ސަބަބުން ސިނާއަތަށް ނުވަތަ ދާއިރާގެ ވާދަވެރިކަމަށް އަސަރު ކުރާނެ ދާއިރާތަކާއި، ދިވެހި ދާއިރާއެއް ތަރައްގީވެފައިވާ މިންވަރަށް ބަލައި ފުރުސަތު ދެވެން ނެތް ދާއިރާތައް އަދި އުފެއްދުންތެރިކަމަށް ހިއްސާ ކުރާނެ މިންވަރަށް ބެލުމަށް ފަހު އެވެ.
މީގެއިތުރުން ލައިސެންސް ހޯދުމުގެ ގޮތުން ހައްހަ ނޫން މައުލޫމާތެއް ހުށަހަޅާފައިވާކަން ފާހަގަވާ ހާލަތެއްގައި ވެސް ލައިސެންސް ބާތިލު ކުރެވިދާނެ އެވެ. އަދި ލައިސެންސް ދޫކުރުމުން ވެސް އެ މަސައްކަތް އަހަރަކަށް ވުރެ ގިނަ ދުވަހުކޮށްފައި ނުވާނަމަ ނުވަތަ ލައިސެންސް ދޫކުރި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރާނަމަ ވެސް ލައިސެންސް ބާތިލު ކުރެވިދާނެ އެވެ.
ލައިސެންސް ދޫކުރުމަށް ފަހު އެ ހިފަހައްޓައި ބާތިލު ކުރެވޭ މާއްދާގައި ބުނާ ގޮތުން އިންވެސްޓަރު ބަނގުރޫޓުވުން ހިމެނެ އެވެ. އެހެން ނަމަވެސް ބާތިލު ކުރުމުގެ ކުރިން އެ ލައިސަންސް ހިފެހެއްޓުމަށް ގަސްތުކުރާކަން ސަބަބު ބަޔާންކޮށް އިންވެސްޓްރަށް ނޯޓިސް ދިނުމަށް ބިލުން ލާޒިމް ކުރެ އެވެ. އެއަށް ފަހު އިންވެސްޓްރަށް ވެސް ލިއުމުން ޖަވާބުދާރީވުމަށް ފުރުސަތު ދޭންވާނެކަމަށް ބިލުގައި ވެއެވެ.
ލައިސެންސް ބާތިލުކޮށް އެ މަރުހަލާ ފުރިހަމަވުމުން އިންވެސްޓަރު ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރަން ޖެހެ އެވެ. އަދި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތްތަކަށް މުސާރަ ދީ ނިންމައި ދަރަންޏެއް އޮތް ނަމަ އެ ދަރަނި އަދާ ކުރަން ޖެހޭނެ އެވެ.

