ކުޅިވަރުގެ ދާއިރާއިން ފަށާފައި ހުރި މަޝްރޫއުތަކުގެ އަގު އެއްކޮށްލުމުން ބަޖެޓަށް ވުރެ މާ ބޮޑުވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކުރުމުން، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖާވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނިންމަންޖެހޭ ވަރަށް ބައިވަރު މަޝްރޫއުތައް އެބަހުރިކަމަށެވެ. ބަޖެޓުގެ ދަތިކަން އެބަހުރި ކަމަށާއި މަޝްރޫތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފައިސާއެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތައް އެއްކޮށްލުމުން ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑުކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު މީގެކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު.
މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
ބަޖެޓު ނެތުމުގެ ސަބަބުން ކުރިއަށް ގެންދެވޭނީ އެންމެ މުހިންމު މަޝްރޫއުތައްކަމަށާއި، މިގޮތަށް މިކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި ވާހަކަދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިންވަނަ ނޫނީ ހަތަރުވަނަ ކުއާޓަރުގައި ގިނަ ޕްރޮޖެކްޓުތައް އިއުލާނުކޮށްގެން ކުރިއަށް ގެންދިއުމަކީ އުއްމީދުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބައެއް މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކޮށް ވެސް ބަޖެޓުކޮށްފައިވާކަމަށެވެ.
މީގެ ކުރިންވެސް މިނިސްޓަރު ވަނީ މި ވާހަކަތައް މަޖިލީހުގެ ތަޅުމުގައިވެސް ދައްކަވާފައެވެ. މި ސަރުކާރުގެ ގިނަ ވަޒީރުންގެ ކަންބޮޑުވުމަކީ އެކަށީގެންވާ ބަޖެޓު މަޝްރޫއުތަކަށް ކަނޑައަޅާފައި ނެތުމެވެ.
އެހެންވެ ކޮންސްޓްރަކްޝަން މިިނިސްޓްރީއިން ވަނީ އަމަލީ މަސައްކަތްތައް ފަށާފައި ނުވާ ޕްރޮޖެކްޓްތައް މަޑު ޖައްސާލުމަށް އެމްޓީސީސީއަށް އަންގާފައެވެ.

