ޕީއެންސީ އިދިކޮޅުގައި އޮތް އިރު މަސައްކަތް ކުރީ ފޮރިން އިންވެސްޓްމަންޓާއި ދެކޮޅަށް ނޫންކަމަށާއި، އިހުތިޖާޖު ކުރީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް، އަސަރު ކުރާ ގޮތަށް އޭރުގެ ސަރުކާރުން ބޭރު ގައުމަކާއި ގުޅިގެން ކުރި މަސައްކަތަށްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭ އުސޫލު ބަޔާންކޮށް ފޮރިން އިންވެސްޓްމަންޓް ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން އަޒާން ހުށަހެޅުއްވި މި ބިލުގައި ވަނީ އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ހުއްދަ ދޫކޮށް، އެ ކުންފުންޏެއް ލައިސެންސް ހަވާލު ކުރި މަސައްކަތް އަހަރަކަށް ވުރެ ދިގު މުއްދަތަކަށްކޮށްފައި ނުވާނަމަ ލައިސެންސް ހިފަހައްޓައި ބާތިލު ކުރެވިދާނެކަމަށް ބުނެފަ އެވެ.
ބިލުގައި ފޮރިން އިންވެސްޓްމަންޓު ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ހޯދުމުގެ އުސޫލު ތަފްސީލު ކުރެއެވެ. އަދި ފޮރިން އިންވެސްޓްމަންޓް ލައިސެންސް ދިނުމާއި، އޭގައި ހިމަނަން ޖެހޭ މައުލޫމާތުތައް އަދި ލައިސެންސް ހިފަހައްޓައި ބާތިލު ކުރެވޭނެ ހާލަތްތައް ވެއެވެ. އަދި ޖުރިމަނާކޮށް މައްސަލައެއް ބެލުމާއި ގާނޫނާއި ހިލާފު އަމަލުތަކަކީ ކޮބައިކަން ވަނީ ތަފްސީލުކޮށްފަ އެވެ.
އިންވެސްޓްމެންޓުތައް ދައުލަތަށް ނެގޭ ގޮތަށް ބިލު ފަރުމާކޮށްފައި ވާތީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުންފާޅު ކުރުމުން އެކަމަށް އަޒާން ވިދާޅުވީ މިއީ ހުރިހާ ގައުމެއްގައި ވެސް އަމަލު ކުރަމުންދާ އުސޫލުކަމަށާއި އެ މާއްދާގެ ސަބަބު އިންވެސްޓްމަންޓު ހަނި ކުރެވޭނެކަމަށް ނުބެލެވޭކަމަށެވެ. އެމެރިކާ އޮސްޓްރޭލިއާ ފަދަ ކުރިއަރާފައިވާ ފްރީ މާކެޓު އޮތް ގައުމުތަކުގައި ވެސް އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ހާލަތްތައް ބަޔާން ކުރާކަން އަޒާން ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މިސާލަކަށް ހަކަތައިގެ ދާއިރާ، މިއީ ކްރިޓިކަލް އިންފްރާސްޓްރަކްޗާއެއް.. މިފަދަ ދާއިރާތަކުގައި ކުރާ ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތުތައް ދިން ނަމަވެސް ބައެއް ކަހަލަ ލިމިޓޭޝަންތައް ހުރޭ ހުރިހާ ގައުމަކު ވެސް.. މިސާލަކަށް ދިވެހިރާއްޖެއިން މިހާރު މަސައްކަތް ކުރަމުން އެބަދޭ، ސަރަހައްދުގައި ސޯލާ ޕަވާ ޕްރޮޖެކްޓެއް ހިންގުމަށް… އަދި ހަމަ މި ސަރަހައްދުގައި ކާބޯތަކެތީގެ މަޝްރޫއުއެއް ވެސް ހިންގުމަށް.. މި ދެކަމަކީ ވެސް ފޮރިން އިންވެސްޓްމަންޓު ބޭނުންވާ ދެ ދައިރާ.. އެހެން ނަމަވެސް މިއީ ދިވެހިރާއްޖޭގެ ނެޝަނަލް ސެކިއުރިޓީއާއި ވެސް ގުޅުން ހުރި ދެ ދާއިރާ.. މިކަހަލަ ދާއިރާތަކަށް ބޭރުގެ ފަރާތްތަކަށް އިންވެސްޓްމަންޓު ދެވިދާނެ، އެހެން ނަމަވެސް ބައެއް ލިމިޓޭޝަންތަކެއް ދެވިފައި އޮތުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގައި މުހިންމުކަމެއް… މި ބިލުގައި އެ މާއްދާ ލިޔެފައި އޮތީ އެގޮތަށްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ..
އަޒާން ވިދާޅުވީ އިންވެސްޓުގެ މަރުހަލާތައް ހިމަނާފައި ވާތީ، އެއީ މާގިނަ ޝަރުތުތަކެއްކަމަށް ބައެއް މެމްބަރުން ދެކެނު ނަމަވެސް ބިލުގައި މަރުހަލާ ހިމަނާފައި އޮތީ ރަނގަޅަށްކަމަށް ދެކޭކަމަށެވެ. އަދި މި ސަރުކާރުގައި ފޮރިން އިންވެސްޓްމަންޓުތަކަށް ފުރުސަތު ނޯންނާނެކަމަށާއި އިދިކޮޅުގައި އޮވެ ވެސް މަސައްކަތް ކުރީ އެ މިސްރާބަށްކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް އަޒާން ވިދާޅުވި އެވެ.
އަޅުގަނޑުމެން އިދިކޮޅުގައި ތިބިއިރު މަސައްކަތް ކުރީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް، އަސަރު ކުރާ ގޮތަށް އޭރުގަ ވެރިކަމުގައި ތިއްބެވި ބޭފުޅުން ބޭރު ގައުމަކާއި ގުޅިގެން ކުރި މަސައްކަތާއި ދެކޮޅަށް.. އެއްގޮތަކަށް ވެސް އެއްވެސް ގައުމެއްގެ ވިޔަފާރިއާއި ދެކޮޅަށް މަސައްކަތެއް ނުކުރޭ..
އަޒާން ވިދާޅުވީ މިދިޔަ ފަސް އަހަރު ނިމިގެން ދިޔައީ ރާއްޖެއަށް ބޭރުގެ އެއްވެސް އިންވެސްޓެމްނެޓެއް ނުގެނެވިކަމަށެވެ. އަދި އިންވެސްޓު ކުރި ބައެއް ފަރާތްތައް ވެސް ރާއްޖެ ދޫކޮށް ދިޔަކަމަށެވެ.
މި ބިލުގައި ލައިސެންސް ދޫކުރުމަށް ފަހު އެ ހިފަހައްޓައި ބާތިލު ކުރެވޭ މާއްދާގައި ބުނާ ގޮތުން އިންވެސްޓަރު ބަނގުރޫޓުވުން ހިމެނެ އެވެ. އެހެން ނަމަވެސް ބާތިލު ކުރުމުގެ ކުރިން އެ ލައިސަންސް ހިފެހެއްޓުމަށް ގަސްތުކުރާކަން ސަބަބު ބަޔާންކޮށް އިންވެސްޓްރަށް ނޯޓިސް ދިނުމަށް ބިލުން ލާޒިމް ކުރެ އެވެ. އެއަށް ފަހު އިންވެސްޓްރަށް ވެސް ލިއުމުން ޖަވާބުދާރީވުމަށް ފުރުސަތު ދޭންވާނެކަމަށް ބިލުގައި ވެއެވެ.
ލައިސެންސް ބާތިލުކޮށް އެ މަރުހަލާ ފުރިހަމަވުމުން އިންވެސްޓަރު ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރަން ޖެހެ އެވެ. އަދި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތްތަކަށް މުސާރަ ދީ ނިންމައި ދަރަންޏެއް އޮތް ނަމަ އެ ދަރަނި އަދާ ކުރަން ޖެހޭނެ އެވެ.

