ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އާޝިފް ޢަލީ ޒަރުދާރީއަށާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް އަޚްވަންތަ ގުޅުން ފާހަގަކުރައްވައި، އިޖްތިމާއީ އަދި އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި ޕާކިސްތާނަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މީސްމީޑިއާގައިވެސް މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.

