ދިވެހި ޤައުމަށް ރީތިނަން ހޯދައިދިނުމާއި ދީނަށް ފަރުވާތެރިވުމަކީ އެންމެ ބޮޑު އުފަލަކަށް ހަދަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސްރީލަންކާގައި ބާއްވާ މި ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާއި، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ ކުއްޖެއްގެވެސް މައިންބައިން އަދި ދިވެހި ޤައުމުންކުރާ އުންމީދަކީ ކޮންމެ ދަރިވަރެއްވެސް ޤައުމީ އުދަރެހުގައި ފިޔަޖަހައި ތަރިއެއް ކަމުގައިވުން ކަމަށެވެ. އަދި ހޭލުންތެރިކަމާއި ފަރުވާތެރިކަމާއެކު ބިނާވާ ކޮންމެ ދަރިވަރެއްވެސް ވެގެންދާނީ އެފަދަ ދަރިއެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
”މިދެންނެވި ފަދަ ހޭލުންތެރިކަމާއި ހުނަރުވެރިކަމާއި ފަރުވާތެރިކަމާއިއެކު ބިނާވާ ކުއްޖަކު ވާނީ ޤައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް.. ދިރިއުޅުމުގެ ކާމިޔާބު ދަރިއަކަށް.. ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ މައިންބަފައިންނާއި މި ޤައުމު ކުރާ އުންމީދަކީ އެއީ.. މާދަމާ ޚިދުމަތުގެ މައިދާނުގައި އިސްވެ ތިބުން،“ މެޑަމް ސާޖިދާ ވިދާޅުވި އެވެ.

މީގެ އިތުރުން، ގަރލްގައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް ކުރާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގެ ތެރެއިން ޤައުމު ފުރިހަމައަށް ތަމްސީލުކޮށް ދިނުމަށް ބައިވެރިންގެ ފަރާތުން ވަނީ އެދިވަޑައިގަންނަވައި ފައެވެ. އަދި އެފަދަ ޙަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ސްކޫލް ދަރިވަރުންގެ ބެލެނިވެރި ވުޒާރާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދެއްވައި އެއްބާރުލުމާއި އެހީތެރިކަމަށް އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއަށާއި ޕްރިންސިޕަލުންނަށް ވަނީ ޝުކުރުދަންނަވައި ފައެވެ.

