ހުޅުމާލެ ފޭސް އެކެއްގައި 12 ބުރީގެ ވަގުފު އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިކަމަށް އިއުލާނުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއިން ގެޒެޓު ކުރި އިއުލާނުގައެވެ. މި އިއުލާނުގައި ބުނެފައިވަނީ ވަގުފު އިމާރާތް ތަރައްގީ ކުރާނީ އޮފީސް ބިލްޑިންގެއް ގޮތުގައި ކަމަށާއި، އެތަނުގެ ނަމަކަށް ކިޔާނީ ”ދާރުއްސަލާމް“ ކަމަށެވެ.
ޕްރީ-ބިޑް ބައްދަލުވުން އޮންނަނީ އޯގަސްޓު 26 ވަނަ ދުވަހުކަމަށް އިއުލާނުގައިވާއިރު، ބިޑުތައް ރަސްމީކޮށް ހުށަހަޅަންޖެހެނީ ސެޕްޓެމްބަރު 8 ގައެވެ.
މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވަގުފު އިމާރާތެއް އަޅާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ފަހުކޮށް މިނިސްޓަރު ވިދާޅުވީ ވަގުފު އިމާރާތުން ލިބޭ ފައިސާ ޖަމާ ކުރާނީ މިސްކިތު ފަންޑަށް ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގައި ވަގުފު އިމާރާތެއް އެޅުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައިވެސް ހުޅުމާލޭގައި ވަގުފު އިމާރާތެއް އެޅުމަށް މަސައްކަތްކުރިއެވެ. އެއީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް މި މަސައްކަތެއް ނުފެށެއެވެ.
މާލޭގައި ”ދާރުލްއީމާން“ ގެ ނަމުގައި މިހާރުވެސް ވަގުފު އިމާރާތެއް ހިންގައެވެ. އެ އިމާރާތަކީ ބޭރު ބައެއްގެ އެހީއާކު އެޅި 23 މިލިއަން ޑޮލަރުގެ އިމާރާތެކެވެ.

