ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ މަނަދޫ، ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އަހަރު)، އާއި އެ ރަށު ފެހިވިލާގެ، އަހުޒަމް އަބްދުލްޝަކޫރު (23 އަހަރު) ގެ އިތުރުން، އެ ރަށު ވިނަރެސް ހުސެއިން ފަވާޒު (21 އަހަރު) ގެ މައްޗަށެވެ.
މި ތިން މީހުންނަށް ވެސް ދައުލަތުން ދައުވާ ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހުން މެރުމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެމިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ނައީމާ މަރާލާފައި އޮއްވައި ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭތެރޭގެ ކޮޓަރިންނެވެ.
މައްސަލައިގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި ދައުލަތުން މި ތިން މީހުންގެ މައްޗަށް ވެސް ދައުވާއިއްވި އެވެ. އަދި ރިފާސް ނޫން ދެން ތިބި ދެ މީހުން ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. ކުށަށް އިންކަރުކޮށް އަހުޒަމްގެ މައްޗަށް އުފުލި ދައުވާތަކަށް ވާހަކަ ދެއްކުމުގެ އިތުރު ފުރުސަތަކަށް އޭނާ އެދުނެވެ.
އަޑުއެހުމުގައި ރިފާސް ބުނެފައި ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ މަޝްވަރާ ކުރުމަށް ބޭނުންވާކަމަށެވެ. އަދި ރިފާސްގެ ވަކީލު ބުނެފައި ވަނީ ދައުވާ ފޯމުގެ ހެކި ލިސްޓުގައި ނަމްބަރު ހުރިގޮތުން އޮޅުންތަކެއް އެބަހުރިކަމަށެވެ. އެހެންވެ އެ ލިޔެކިއުންތައް ސާފު ކުރުމަށް ބޭނުންވާކަމަށް ވަކީލު ވިދާޅުވި އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، އޭނާގެ މައްޗަށް ސިހުރުގެ ތުހުމަތުކޮށް އެ ވާހަކަތައް ތުހުމަތު ކުރެވުނު ނަމަވެސް އެފަދަ އެއްވެސް ހެއްކެއް އަދި ތަހުގީގަށް ލިބިފައި ނުވާކަމަށެވެ. އެކަމަކު ނައީމާ މަރާލާފައި ވަނީ އޭނާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އެކަމުގެ ރުޅީގައިކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުންޏެވެ.

