ބާ ކައުންސިލްގެ ސެކޭޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.
ބާ ކައުންސިލުން ދެވަނަ ފަހަރަށް އެސްޖީއަކު ހޯދުމަށް އިއުލާނު ކުރީ، މި މަހުގެ 5 ގައި ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެވެ. ބާކައުންސިލްގެ އިއުލާނުގައި ވަނީ، އެސްޖީއަކު ހޯދުމަށް ކުރި އިއުލާނަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 26 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް ކަމަށެވެ.
މި މަގާމުގެ މުސާރައެއްގެ ގޮތުގައި މަހަކު 40،500 ރުފިޔާ ލިބޭނެ އެވެ. އަދި މަސައްކަތާއި ގުޅޭ އެހެނިހެން އެލަވެންސް ވެސް މުސާރައޮގެ ތެރޭގައި ހިމެނެ އެވެ.
މަގާމުގެ ޝަރުތުގެ ތެރޭގައި ހިމެނެނީ، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އެކު ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރު މަސައްކަތްކޮށްފައިވުމެވެ.
މީގެއިތުރުން އެ މީހަކީ ގާނޫނީ ދާއިރާގައިކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ މީހަކަށް ނުވުމާއި އަދި އެފަދަ މައްސަލައެއް ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.
މީގެއިތުރުން ގެޒެޓުގައިވާ އިއުލާނުގައި ވަނީ އެސްޖީގެ މަގާމަށް ކުރިމަތިލާ މީހެއްގެ ތައުލީމީ ފެންވަރާއި އިސް ނެގުމަށާއި ލީޑާޝިޕާއި ތެދުވެރިކަމާއި އަމާންތެރިކަމާއި ނަޒާހަތްތެރިކަމާއި ހިންގުމުގެ ގާބިލުކަމާއި އެކު ހުނަރު ހުރި މިންވަރަށް ބެލެވޭނެ ކަމަށެވެ. އަދި އެއީ އުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުމާއި، މުދަލާއި ފައިސާ ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް މިންގަނޑުތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުން އޭގެ ތެރޭގައި ހިމެނެ އެވެ.
ބާކައުންސިލުން ބުނެފައި ވަނީ އެސްޖީއަކު ނެގުމުގައި އެ މީހާގެ ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މަސައްކަތްކޮށް، މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން، ގުޅިގެން އެކީގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޕްރޮފެޝަނަލް މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުންނާއެކު ބާ ކައުންސިލް ހިންގުމަށް ބޭނުންވާނެ ލީޑާޝިޕަށް އިސްކަން ދޭނެކަމަށް ވަނީ ބުނެފަ އެވެ.

