ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދައުރު ނިމުމުގެ ކުރިން ފުއްދަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޯހިޔަވާހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް ގާތުން ބަލައި، އެ ސިޔާސަތު ތަންފީޒު ކުރެވޭނެކަމުގެ ޔަގީންކަން ދޭކަމަށް ފައިސަލް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ގިނަ ދުވަސްވީ ހިދުމަތް ކުރަމުން އައި މީހުން އެބަތިބި ކަމަށެވެ. އެހެން ނަމަވެސް އެ މީހުންގެ ހައްގުގައި ބޯހިޔަވާހިކަން ދިނުމަށް މީގެ ކުރިން މަސައްކަތެއް ކުރެވިފައި ނެތްކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ، މިހާރު ކުރިޔަށްދާ ހައުސިން ސްކީމްގެ ތެރެއިން ކަމަށެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުގެ އެއް ސިޔާސަތެވެ. އެހެންކަމުން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ބޯހިޔާވަހިކަން ހައްލުކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން އެއްމަޝްރޫއެވެ.
ސަރުކާރުން ނިންމާފައި ވަނީ ތަރައްގީކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކަށް ރިއާޔަތްކޮށް ރީޖަން ވައިސްކޮށްވެސް ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ހައުސިން ހަމަޖައްސައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިންގް މަޝްރޫޢުތަކުގައި ވަކި އިންސައްތައެއް ހާއްސަކުރުމަށް ވަނީ ނިންމާފަ އެވެ.
ހައުސިން މަޝްރޫއު ތަކުގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ނުވެ އެތައް އަހަރުތަކެއް ފާއިތުވެ ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން މާލެ ސަރަހައްދުގައި ބިންހިއްކައިގެން ހިންގާ މަޝްރޫއުތަކުން މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔާގީންކޮށް ދިނުމަކީ ސަރުކާރުގެ ފުރަތަމަ އަމާޒކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކާއެކު ގިނަ ގެދޮރުވެރިކަމުގެ ޕްރޮޖެކްތަށް ގާއިމުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވުމަށް ފަހު މާލެ ކައިރި ނުވަތަ އެހެން ރަށްރަށުންވެސް މާލޭގެ ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުޅި ޖުމްލަ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިންގް ގާއިމުކޮށް ސްކީމެއް ބައްޓަންކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެޖިއުލޭޓު ކުރުމުގެ ބިލެއް އެކުލަވާލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

