ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލުހުގެ ރައީސް އާއެކު މި ދަތުރުފުޅުގައި މަޖިލިހުގެ ބައެއް މެމްބަރުންވެސް ވަޑައިގެންނެވިއެވެ. އެއީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 28 އަށް ޗައިނާގެ ބެއިޖިންގައެވެ.
މަޖިލީހުގެ ރައީސް ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ ”2024 އިންޓަ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ބޭރު ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރަށް ވާއިރު، ސެމިނާއެއްގައި މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ވަޑައިގަންނަވައި ފުރަތަމަ ފަހަރުވެސް މެއެވެ.

