އަދާލަތު ޕާޓީއަށް 19 އަހަރު ފުރުމުގެ ތަހުނިޔާ ޕާޓީގެ ރައީސް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕާޓީގެ މެމްބަރުންނަށް ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާންވަނީ އަދާލު ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރައްވާފައެވެ. އިމްރާން ވިދާޅުވީ، ރާއްޖެއަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ހިނދެއްގައިވެސް ރައްޔިތުންނަށް ހިދުމަތްކޮށްދީ އެކަންކަން ހައްލުކުރުމުގައި އެންމެ އިސް ސަފުގައި އަބަދުވެސް އޮންނާނީ އަދާލަތު ޕާޓީކަމަށެވެ.
ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރުވެސް ވަނީ މި މުނާސަބާ ފާހަގަކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ރައީސްއާއި ހުރިހާ މެމްބަރުންގެ އިތުރުން ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ މީހުންނަށްވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަމަށެވެ.
ނަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެކި ހައިސިއްޔަތުތަކުން ޕާޓީއަށް ހިދުމަތްކުރެއްވި އެންމެހާ ފަރާތްތަކަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިއަދަކީ ޕާޓީގެ ލީޑަރޝިޕާއި އިލްމުވެރިނާއި އާންމު މެމްބަރުން ޝާމިލުވެގެން ޕާޓީގެ ކުރިމަގާއިމެދު ފިކުރު ހިންގައި މުސްތަގުބަލާއިމެދު ގޮތް ނިންމުމަށް މުނާސަބު ދުވަހެއްކަމަށްވެސް ހިއްސާކުޔެއްވިއެވެ.

