ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްލި މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަންކޮށް އަލުން މައްސަލަ ބެލުމަށް އަންގާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅުވައިކަމަށްވުމާއި އެކު އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުުގެ އުންސުރު ނެތިގެން ދާކަމަށެވެ.
ހުކުމުގައި ވަނީ މައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް ދިފާއަށް ލިބެން ޖެހޭ އެތައް ފުރުސަތުތައް ގެއްލި ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށެވެ. ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން، ފައިސާ ލިބިވަޑައިގެންނެވިކަމަށް މާލީ ބަޔާނުގައި އޮތް އޮތުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ވެސް ގޯސްކޮށްކަމަށް ހުކުމުގައި ވެއެވެ.

