ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ހާއްސަ ސިޓީފުޅަކާއި އެކު ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ މުހައްމަދު މުނައްވަރު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ދަތުރުފުޅުގެ މައުލޫމާތު އާންމުކޮށް، ފޮރިން މިނިސްޓްރީ ބުނީ ޒަމީރު ސައުދީއަށް ފުރާވަޑައިގަންނަވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންގެ ދައުވަތަކަށް ކަމަށެވެ. އަދި ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު ސައުދީގެ ވަލީ އަހުދަށް ލިޔުއްވި ސިޓީއެއް އަރުވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ. އަދި ސައުދީ ސަރުކާރާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވާނެ އެވެ.

