ތަރައްގީގެ ޕްލޭންތައް ކުރެވެން ޖެހޭނީ ގާނޫނީ ބާރެއް ލިބިގެންކަމަށް މާފަންނު ހުޅަނގު ދާއިރާ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އަރބަން ޑިވެލޮޕްމަންޓުގެ ބިލުގެ ބަހުސްގެ މަރުހަލާގައި މުސްތަފާ ވިދާޅުވީ ރާއްޖޭގައި ތަރައްގީ ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައެޅިފައި ހުންނަން ޖެހޭކަމަށް ބުނެ އަބަދުވެސް ވާހަކަަތަކެއް ދެކެވޭކަމަށެވެ. ނަމަވެސް މިހާ ހިސާބަށް އައިރު އަދިވެސް ގާނޫނެއްގެ ތެރެއިން މިކަންކަން ކަނޑައެޅިފައި ނެތުމަކީ ހިތާމައެއްކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން މިއަދު މި ތަހައްމަލު ކުރަނީ އެކަމުގެ ނަތީޖާކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ މި ބިލު މުހިންމުވަނީ މިކަމުގެ ފައިދާ މާލެއަށް ކުރާނެތީކަމަށް މުސްތަފާ ވިދާޅުވިއެވެ.
ހަގީގަތުގައި ތަރައްގީ ކުރާނެ ސަރަހައްދުތަކެއް ކަނޑައެޅި، އަދި އެ ސަރަހައްދުތަކުގައި ހުންނަން ޖެހޭ ވަސީލަތްތައް ގާއިމް ކުރެވިގެން ނޫނީ ތަރައްގީ ނުކުރެވޭނެ ގޮތަށް ގާނޫނެއް އޮތުމަކީ ހަގީގަތުގައިވެސް ވަރަށް މުހިންމުކަމެއް.
މުސްތަފާ ވިދާޅުވިއެވެ.
ތަރައްގީ ކުރަން ޖެހޭނެ ސަރަހައްދުތަކެއް ކަނޑައަޅާ، އެތަނުގައި ވަކި ވަސީލަތްތަކެއް ގާއިމް ކުރެވިގެން ނޫނީ ތަރައްގީ ނުކުރެވޭނެ ގޮތަށް ގާނޫނެއް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް ފާހަގަކޮށް މުސްތަފާ ވިދާޅުވީ، ތަރައްގީގެ ޕްލޭންތައް ކުރެވެން ޖެހޭނީ ގާނޫނީ ބާރެއް ލިބިގެންކަމަށެވެ.
މި ބިލު މެދުވެރިކޮށް، ހިދުމަތްތައްވެސް ކަށަވަރު ކުރެވޭނެކަމަށް ވިދާޅުވިިއެވެ.
މުސްތަފާ ވިދާޅުވީ، ގާނޫނެއްގެ ތެރެއިން ތަރައްގީގެ ޕްލޭންތައް ހެދިފައި ނެތުމުން، މުޖުތަމައުގެ ރައްކާތެރިކަން ގެއްލެމުންދާކަމަށެވެ. ކުރީ ސަރުކާރުން އެއްވެސް ޕްލޭންއެއް ނެތި ތަންތަން ބަހާލުމުގެ ސަބަބުން، އަލުން ތަރައްގީ ކުރަން ފަށާފައިވާ ތަންތަނަށް މާލެއަށް ޖެހުނު ހާލު ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލުގެ ތެރެއިން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ފަހިވެފައި އޮތް ދޮރު ބަންދުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

