ނޫމަޑި މައްސަލައިގަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ގުޅުވާ ކުރީގެ ސީޕީ ހުސައިން ވަހީދު ދެއްކި ވާހަކަތައް ކޮމިޝަނަރ ދޮގުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހުސެއިން ވަހީދު މަގާމުން ވަކިކުރީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާލި ހާދިސާގެ ތަހުގީގުތައް ފަށާފައި ވަނިކޮށެވެ. މަގާމުން ވަކިކޮށް ހުސެއިން ވަހީދު ބަދަލު ކުރީ، ހުސެއިން މިނިސްޓްރީގެ ސްޓޭޓަކަށެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފައި ވެއެވެ.
ސަރުކާރު އުފެދުނު ފަހުން ރައީސް ޔާމީނާއި، ރައީސް މުއިއްޒު ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އުފެދުނެވެ. އަދި ޕީޕިއެމް ދޫކުރައްވައި، ރައީސް ޔާމީން އުފެއްދެވި ޕީއެންއެފްގެ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރޭ ޕާޓީ އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވެސް، ވަނީ ނޫމަޑި މައްސަލައާއި ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެކަމަށް ބާރު ދެއްވައި ޖަލްސާގައި ޝުޖާއު ވިދާޅުވީ ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒު އާއި ބައްދަލު ކުރުމަށް އޭނާ ދިޔައީ މިހާރުގެ ސީޕީ ޝުޖާއު އާއި އެކުގައި ކަމަށެވެ.
ހުސައިން ވަހީދު ދެއްކި ވާހަކަ ދޮގު ކުރައްވާ ކޮމިޝަނަރ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސީޕީ ހުސައިން ވަހީދު ދައްކާފައިވާ ވާހަކައިގަ ނޫމަޑި މައްސަލައިގަ ރައީސް މުޢިއްޒު އާއި ބައްދަލު ކުރުމަށް ޝުޖާއު އާއިއެކު އޭނާ ދިޔަކަމަށް ވިދާޅުވި ވާހަކައަކީ ހަގީގަތާއި ހިލާފު، އަދި އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
މިއާއިއެކު އެ ބަޔާނުގައި ބުނީ ނޫމަޑި މައްސަލައާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ސީޕީ ހުސައިން ވަހީދުއާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ސީޕީ ޝުޖާއު ބައްދަލު ކޮށްފައި ނުވާނެ ކަމަށެވެ.

