ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އީޕީއޭއަށް ސީދާ ކޯޓަށް ނުދެވޭތީ ކަންބޮޑުވުން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އީޕީއޭގެ ޑީޖީ ނައީމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެއްޓާށް ގެއްލުން ލިބުމުގެ އެކި ހާދިސާތަކުގައި ކުރާ ޖުރިމަނާތައް ދައުލަތަށް ނުލިބި، ދިގުލައިގެން ދަނީ ދިމާވާ ގިނަ ދަތިތަކެއް ހުރުމުން އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ބޯޓުތައް ފަރަށް އަރައި ލިބޭ ގެއްލުންތަކާއި، އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓާއި ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރަށް ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރި ނަމަވެސް އެ ފައިސާ ހޯދޭނެ ގޮތެއް ނޯވެ އެވެ. އެ މައްސަލައިގައި ނައީމް ވިދާޅުވީ ފަރުތަކަށް ލިބޭ ގެއްލުމުގެ ޖުރިމަނާ ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ނައީމް ވިދާޅުވީ ފައިސާ ހޯދުމަށް ސީދާ ކޯޓަށް ދިއުމުގެ ބާރު އީޕީއޭއަށް ނެޔްކަމަށެވެ. އަދި އީޕީއޭ އަޅާ ފިޔަވަޅުތައް ތަންފިޒު ނުވެ ތާށިވާކަން ނައީމް ފާހަގަކުރެއްވި އެވެ. ބައެއް މައްސަލަ ކޯޓާއި ހަމައަށް ގެންދިއުމުން މިނިސްޓްރަށް އެ މައްސަލައެއް އިސްތިއުނާފުކޮށް ވެސް އެހާހިސާބުން މަޑުޖެހޭކަމަށް ނައީމް ވިދާޅުވި އެވެ. ނުވަތަ ކުރާ ޖުރިމަނާތައް މައާފުކޮށްދޭން އެދި މިނިސްޓަރަށް ހުށަހަޅާކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އުސޫލު އޮތް ގޮތުން، ފަރަށް ލިބޭ ގެއްލުމެއްގެ މައްސަލައެއް ބެލެން އޮންނަނީ ނައީމް ވިދާޅުވި ގޮތުގައި ބޯޓެއް އެތަނުން ނެގުމުންނެވެ. އެހެން ނަމަވެސް އުޅަނދުތައް ބައެއް ކުންފުނިތަކުން ނުނަގައި ލަސް ކުރުމުގެ ސަބަބުން، ފަރަށް މާ ބޮޑެތި ގެއްލުންތަކެއް ލިބޭކަން ފާހަގަކުރި އެވެ.

މީގެއިތުރުން ބައެއް އުޅަނދުތައް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުމަށް ފަހު، ކުންފުނިތަކުގެ ވެރިން ބަދަލުވުން ނުވަތަ އެޖެންޓު ބަދަލުވުމާއި ބޯޓު ވިއްކާލާ ފަހަރުތައް ވެސް ދިމާވާކަމަށް ނައީމް ވިދާޅުވި އެވެ. މިއީ ވެސް މައްސަލަ ލަސްވެ، ފައިސާ ލިބުން ދަތިވާ އެއް ސަބަބުކަމަށް ނައީމް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް ފަރަށް އަރައި ލިބުނު ގެއްލުންތަކަށް އެފްކޮންސްގެ މައްޗަށް ކުރި ޖުރިމަނާގެ މައްސަލައިގެ ފައިސާ ނުދައްކާތީ، އެކަން އީޕީއޭ ކޯޓަށް ހުށަހެޅި އެވެ.

އެފްކޮންސްގެ ޓަގު ބޯޓެއް ވިލިމާލެ ފަރުގައި ދިރާސާތަކެއް ކުރަނިކޮށް، އެތަނުން ޕްލެޓްފޯމެއް ފަރަށް އަރައި ގެއްލުންވީ އޮގަސްޓު 16، 2022 ގައެވެ. އަދި ޖުރިމަނާ ކުރީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޖުރިމަނާ މައާފުކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް އެ ކޯޓުން ނިންމި އެވެ. ގެއްލުމުގެ ބަދަލެއްގެ ގޮތުން 69 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް ފައިސާ ދައްކަން ދިނީ 30 ދުވަހެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ފައިސާ ދައްކާފައި ނުވެ އެވެ.

ފައިސާ ނުދައްކަން، އެ ކުންފުނިން އެންވައިރޮމެންޓް މިނިސްޓްރީގައި އިސްތިއުނާފު ވެސް ކުރި އެވެ. އެހެން ނަމަވެސް އޭރު މިނިސްޓަރަކަށް ހުންނެވި އާމިނަތު ޝައުނާ ނިންމެވީ އެ ލުއި ނުދޭންށެވެ.

ބޯޓުތައް ފަރަށް އެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޖުރިމަނާ ދެއްކުމަށް އެންގި ނަމަވެސް އެއާއި އެއްގޮތަށް ކުންފުނިތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ. އަދި މީގެ ތެރެއިން ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް ފަރަށް އަރައި ލިބުނު ގެއްލުމަށް 100 މިލިއަން ރުފިޔާގެ ޖުރިމަނާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކި މައްސަލަ ވެސް އީޕީއޭއިން ކޯޓަށް ހުށަހެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: