ކޮވިޑު-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ކިޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބޭނުން ކުރި ރީ އެންޖެންސް އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ އޭރު ސީއީއޯ އަހުމަދު ސަލީމް އާއި ކޮވިޑުގެ ދުވަސްވަރުގައި އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ކުރެއްވި ޑރ. އަލީ ލަތީފާއި އެހެން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވައިފި އެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މި މައްސަލަ ޕީޖީއަށް ފޮނުވައި ބުނީ ތަހުގީގަށް ހޯދި މައުލޫމާތުތަކުން ޑރ. ލަތީފާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސްއިން މަނީ ލޯންޑާރ ކުރިކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އެހެންވެ މައްސަލައިގެ ވަކި ތަހުގީގުކޮށް ދިނުމަށް އެދި އޭސީސީ ވަނީ ފުލުހުނަށް ވެސް ހުށަހަޅާފަ އެވެ.
ކޮމިޝަނުން ބުނީ ޑރ. ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އެ މައްސަލަ މީރާއަށް ހުށަހަޅާފައިވާނެކަމަށް ބުންޏެވެ.
މީގެއިތުރުން، މި މައްސަލައިގައި، ޑރ. ލަތީފާއި ޑރ. މިލްޒާ އަބްދުލްމުހްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ވެސް އޭސީސީ ވަނީ ބުނެފަ އެވެ.

