މަޖިލީހުގެ ކޮމިޓީއިން ފޮނުވާފައި އޮތީ ހުލާސާ ސިޓީއެއްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، ޖަވާބުދާރީވުމަަށް ފަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ތުހުމަތުވެސް ސާފުކޮށްދޭންޖެހޭކަމަށާއި އެކަމާ ބެހޭ ލިޔެކިއުންތައް ހޯދައި ޖަވާބުދާރިވުމަށް ތައްޔާރުވުމުގެ ގޮތުން ފަސް ދުވަސް ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންކަމުން ޕީޖީ އޮފީހުން ތައްޔާރުވަމުންދިޔައީ ފަސް ދުވަސް ކުރިން ފޮނުވާފައި ހުރި ލިޔުންތަކައް ރިއާޔަތްކޮށްކަމަށާއި ކުއްލި ގޮތެއްގައި އެހެން މައުލޫމާތުތަކެއް ހޯދަން އެދުނުކަމަށް ވިދާޅުވިއެވެ،. އޭނާ ވިދާޅުވީ، އެ އޮފީހުންވާނީ ވީހާވެސް އަވަހަކަށް އެ ލިޔުންތައް ހޯދައި ފޮނުވާފައިކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ތުހުމަތު އިއްވުމަށްފަހު ލިޔުންތައް ހޯދުމަށް އެދުނު ނަމަ ޕީޖީ އޮފީހަށް ވަގުތު އޮއްވާ އެކަންކަން ކުރެވުނީސްކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން އޭނާއަށް ފޮނުވާފައި އޮތީ ހުލާސާ ސިޓީއެއްކަމަށާއި އަސްލު ތުހުމަތުތަކުގެ ސިޓީއެއް އޭނާއަށް ނުފޮނުވާކަމަށް ހާމަކުރެއްވިއެވެ. އެހެންކަމުން ޖަވާބުދާރީވާންޖެހެނީ ހުލާސާގައި ހުރި އެއްޗަކަށް ކަމަށާއި މަޖިލީހުގައި ސިޓީ އިއްވާފައިވުމުން ޔައުމިއްޔާއިން ފެންނަން އޮތްނަމަވެސް ފޮނުވާލަންވާނެކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެންދިއުމުން އެކަމުގެ ތަފްސީލުތަކެއް ދިނުމުގެ ބަދަލުގައި ދީފައިވަނީ ފަސް ވަރަކަށް ނުކުތާ ހިމެނޭ ހުލާސާއެއްކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ ކުރިއަށް އޮތްތާނގައި މަޖިލީހުން އިސްލާހުކޮށްލަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި މީހަކަށް ޖަވާބުދާރީވުމަށްޓަކައި އެއްޗެއް ފޮނުވާނަމަ އެކަމާއި ގުޅުން ހުރި ހުރިހާ ލިޔެކިއުންތަކާއިއެކު މަޖިލީހުން ސާފުކުރަން ބޭނުންވާ ކަންކަންވެސް ކުރީބައިގައި ފޮނުވުމަށް އެދިވަޑައިގަތެވެ.
މާދަމާ ޖަވާބުދާރީވުމަށް އޮންނައިރު މިއަދު އެކަމުގެ ލިޔެކިއުންތައް ފޮނުވުމުން ތައްޔާރުވުމުގައި ދަތިތައް ކުރިމަތިވެގެންދާކަމަށް ޝަމީމް އިޝާރާތްކުރެއްވިއެވެ.

