ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާ ހާޒިރު ކުރުމަށް ނިންމި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދުގެ 11:00 އަށް ތާވަލު ކުރި ބައްދަލުވުން ލައިވްކޮށް ދިނުމަށް، ޝަމީމްގެ ފަރާތުން ހުށަހެޅި އެވެ.
ޝަމީމް ހާޒިރު ކުރުމަށް ހަމަޖެހިފައި އޮތް ގަޑީގެ ބައިގަޑިއިރު ކުރީން، އެ ގޮތަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމެވެ. އަދި އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައި ވަނީ، ގިނަ ސަބަބުތަކެއް ބަޔާން ކުރުމަށް ފަހު އެވެ. އަދި އެ މައްސަލަތަކުގެ ލިޔެކިއުންތައް ހޯދުމަށް ކޮމިޓީން އޮތީ އިއްޔެ ނިންމާފަ އެވެ.
މިއަދުގެ ބައްދަލުވުން ފައްޓަވައި، ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ ހޯދަން އެދުނު ލިޔެކިއުންތައް ލިބިފައި ނުވާކަމަށެވެ.

