ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ތާސްކުފޯސްގައި އިތުރު މުއައްސަސާތަކުންވެސް ބައިވެރިވާ ގޮތަަށް ނިންމާފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބުޅާ މަހުން ކާބޯތަކެތި އުފައްދައި ވިއްކި ކަމުގެ ތުހުމަތުތައް ކުރެވި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީން އުފައްދާ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކައުތެރިކަމާއިމެދު ކަންބޮޑުވުންތައް އިތުރުވެފައިވާއިރު ސަރުކާރުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާންވަނީ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިފަހުން ކުރަމުން އައިސްފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އިންތިޒާމުތައް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް އާއި އިމިގްރޭޝަން ގުޅިގެން ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން ފާހަގަވެފައިވާ ބައެއް ކަންކަމުގެ އަލީގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް ތާސްކުފޯސް އެކުލަވާލާފައިވާ ގޮތަށް ބަދަލުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން ޓާސްކްފޯސްގައި މިނިސްޓްރީގެ އޮފް ހެލްތުގެ ދަށުން އެޗްޕީއޭ އާއި އެމްއެފްޑީއޭއިން ބައިވެރިވާނެކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންވެސް ތާސްކުފޯސްގައި ބައިވެރިވުމަށް ކަނޑައެޅިފައިވާކަން ހާމަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، ޓާސްކުފޯސްއިން ތަންތަނަށް ރެއިޑްކުރާއިރު ކުރިއަށް އޮތްތާނގައި އެ ސީންތަކުގައިވެސް މި އެޖެންސީތަކުން ބައިވެރިވާނެކަމަށާއި މިވަގުތުން ފެށިގެން ޓާސްކުފޯސްގެ މަސައްކަތްތައް ކުރެވިގެންދާނީ އިސްވެ ބަޔާންކުރެއްވި ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައިކަމަށެވެ.

