ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒުފޯރުވުމުގެ މަގުސަދުގައިކަމަށާއި އެކަން ކުށްވެރިކުރާކަމަށް އެމްޑީޕީއިން ބުނެފިއެވެ.
މަގާމުން ވަކި ކުރުމަށް ނިންމައި، ޖަލްސާ ތާވަލުކޮށް ފެށުމާއި އެކު ޝަމީމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހު މަގާމުން ވަކި ކުރާ މައްސަލައިގައި، އެމްޑީޕީ ބުނީ ޝަމީމް ޕީޖީކަމުން ދުރުކުރަން ސަރުކާރުން ބޭނުން ވަނީ ސިޔާސީ މަގްސަދެެއްގައި ކަމަށެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން ޝަމީމް މަގާމުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަކުން އެ ކޮމިޓީއެއްގެ ބައްދަލުވުމެއް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނިންމޭނީ އެ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބަކަށް އެ ބައްދުލުވުމެއް ފެތޭ ނަމަކަމަށް މަޖިލީހުގެ ގަވައިދު ބަޔާންކުރާކަމަށް ވެއެވެ.
އެހެންނަމަވެސް އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ކޮމިޓީގެ މުގައްރިރު ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ކޮމިޓީއެއް ސިއްރު ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނުވަނީސްކަމަށާއި ޝަމީމް ވަކިކުރަން ނިންމި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުންވެސް އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމި ސަބަބެއް އެނގެން ނެތްކަމަަށް ބުންޏެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން ޝަމީމް ވަނީ އޭނާއާއި ގުޅޭ ތުހުމަތުތަކުގެ މައްސަލައިގައި ބާއްވާ ކޮމިޓީ އާންމުނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. އެކަމަކު މަޖިލީހުގެ ކޮމިޓީ ސިއްރުކުރުމަށް ގަވައިދާއި ހިލާފަށް ނިންމި ނިންމުން ޑިމޮކްރެޓިކް ހަމަތަކާއި ހިލާފުވާކަމަށާއި އެ ނިންމުމަކީ ޑިއު ޕްރޮސަސްއަށް ޖާގަ ނުދީ، ބަންދު ކޮޓަރިއެއްގައި އަވަސް އަރުވާލައިގެން ނިންމާފާއިވާ ނިންމުމެއްކަމަށް ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، މިފަދައިން، އިޖުރާއީ އަދުލުވެރިކަމަށް ޖާގަނުދީ މިނިވަން މުއައްސާތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުން ގެންދާ މަސައްލައާއިމެދު ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

