ލިޔެކިއުންތައް ހޯދުމަށް ހުށައެޅުމުން ޕްރޮސެކިއުޓާރގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިޔެކިއުންތައް ލަހުން ހުށައަޅައި ޖެއްސުންކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް، ޝަމީމް މަގާމުން ވަކި ކުރުމަށް ހުށަހެޅީ އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ޕީޖީ އޮފީހުގެ ބައެއް މަސައްކަތްތަކަށް ސުވާލު އުފައްދައި، ޝަމީމްގެ މައްޗަށް ކުރި ތުހުމަތުތަކުގެ އެ ސިޓީގައި އަށް ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ތާވަލުކޮށްފައި ވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އޭނާއަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދީފާނަން ތޯ ނޫސްވެރިން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އޭނާ މަސައްކަތާއި ގުޅޭ ހުރިހާކަމެއް ދަސް ކުރެއްވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުގެ ފަރާތުން ކަމަށެވެ. އަދި އެއަށް ވުރެ ތަފްސީލުކޮށް ދޭނެ ޖަވާބެއް ނެތްކަމަށާއި، އޭނާ އަމަލު ކުރާނީ މުއިއްޒުއާއި އެއްގޮތަށް ކަމަށެވެ.
2013 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް އެހުމަށް ކުޑަތަންވެފައި ވަނިކޮށެވެ.
ޝަމީމް އިސްތިއުފާ ދެއްވިކަން ތަޅުމުގައި އިއުލާނު ކުރުމާއި އެކު، އެއީ ޖެއްސުން ކުރުމަށް ބުނެ ސަރުކާރު މެމްބަރުން ނުރުހުންފާޅު ކުރަން ފެށި އެވެ. ޖަލްސާގައި ހުސްނީ ވިދާޅުވީ، ޕީއެންސީއިން ޕީޖީ އޮފީހުގެ ފަރާތުން ފުރަތަމަ އެދުން ލިޔެކިއުންތަކުގެ އިތުރުން ހޯދަން ހުށައެޅެނީ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ލިޔެވިފައި ހުރި ލިޔުންތަކެއްކަމަށާއި ހޯދަން އެދުނީ ކޯޓަށް ފޮނުވި ސިޓީތަކާއި މައްސަލަތަކާއި ގުޅުންހުރި ލިޔުންތަކެއްކަމަށާއި އިތުރަށް ލިޔުންތަކެއް ލިޔެ ހިއްސާކުރާކަށް ނޭދޭކަމަށް ފާހަގަކުރެއްވިއެވެ.
ހުސްނީ ވިދާޅުވީ، ހޯދުމަށް ހުށައެޅި ލިޔެކިއުންތަކަކީ ޕީޖީ އޮފީހުގެ ސާވާ ނުވަތަ ފައިލްގައި ހުރި ލިޔުންތަކެއްކަމަށާއި އެހެންނަމަވެސް އެ ލިޔުންތައް ހޯދަން އެދުމުން އެކަން ފުރިހަމަ ކޮށްދިނުމުގައި ލަސްތަކެއް ވެގެންދިޔަކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހުން 10 މިނެޓުން ކުށުގެ ރިކޯޑް ސާފުކުރެވޭނެކަމަށް ބުނާކަމަށްވީނަމަވެސް ޖުޑިޝަރީ ކޮމިޓީއިން ލިޔެކިއުންތަކެއް ހޯދަން އެދުމުން ޝަމީމްވަނީ ޖެއްސުންކޮށްފައިކަމަށް ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ، ޝަމީމްވަނީ މަޖިލީހަށް ޖެއްސުންކޮށް ލިޔެކިއުންތައް ހިއްސާނުކޮށް ހުންނެވުމަށްފަހު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމުގެ ފަސް މިނެޓުކުރިން ލިޔެކިއުންތައް ހުށައަޅާފައިކަމަށެވެ. އެހެންކަމުން އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި މީހަކަށް އެފަދައިން އަަމަލުކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ނުދޭނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީއިން މަޖިލީހުގެ ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށެވެ. އަދި ކޮމިޓީގައި ޝަމީމްވަނީ ބަނގުރާ ފުޅިއެއް ހިފައިގެން ހުރި ފޮޓޯއެއް ސޯޝަލްމީޑީއާގައި ހިއްސާކުރިކަންވެސް އެއްބަސްވެފައިކަމަށާއި އެހެންނަމަވެސް އެއީ ޕްރައިވެޓް އެކައުންޓަކުންކަމަށް ވިދާޅުވިކަމަށް ހާމަކުރެއްވިއެވެ. ހުސްނީ ވިދާޅުވީ، އެފަދަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ޕްރައިވެޓް އެކައުންޓަކުން ނަމަވެސް ޕީޖީގެ ހައިސިއްޔަތުން ކުރެއްވި ދަތުރެއްގައި އެފަދަ ފޮޓޯއެއް އާންމުކުރެއްވުމަކީ އޭނާ ގަބޫލުކުރައްވާކަމެއް ނޫންކަމަށެވެ.

