ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ތަފާތުވުން އުފެދިފައިވާ، އާބަން ޑިވެލޮޕްމަންޓްގެ ބިލުގައި ބުނަނީ ކީކޭ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މި ފަހުން ހުށަހެޅި ބިލުތަކުގެ ތެރެއިން، އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެއްދިގެން އައިސްފައި ވަނީ އާބަން ޑިވެލޮޕްމަންޓު ބިލަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި އުފައްދަން ބަޔާން ކުރާ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓިއަށް ލިބޭ ބާރުތަކުގެ ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ހިޔާލުތަފާތެވެ.

އެގޮތުން ހައުސިން މިނިސްޓްރީ ބުނަނީ، އޮތޯރިޓީގެ ސަބަބުން އެލްޖީއޭއަށާއި ކައުންސިލަށް ލިބޭ ބާރުތައް ކުޑަ ނުވާނެ ކަމަށެވެ.

މިނިސްޓްރީން ބުނެފައި ވަނީ އާބަން ސަރަހައްދުތައް ތަރައްގީ ކުރާ ފަރާތްތައް އެ އޮތޯރިޓީން ހުއްދަދޭއިރު ހަމަ އެ ހުއްދަ ކައުންސިލަށް ވެސް ދީފައިވާ ކަމަށެވެ. އެހެންކަމުން ޕްލޭން ހެދުމާއި އިހުތިސާސް ކަނޑައެޅުން ނޫން އެހެން ހުރިހާ ބާރެއް އޮތީ ކައުންސިލްތަކަށްކަމަށް ހައުސިން މިނިސްޓްރީ ބުނެ އެވެ.

އެކަމަށް ދެކޮޅު ހަދައި ލޯކަލް ގަވަމަންޓް މިނިސްޓްރީ ބުނީ ބިލު އޮތީ ކައުންސިލްތަކުގެ ބާރު ކުޑަވާނެ ގޮތަށް ކަމަށެވެ. އަދި ބިލު ޑްރާފްޓު ކުރުމުގައި މިނިސްޓްރީގެ ބަހެއް ހޯދާފައި ނުވާކަމަށް ބުންޏެވެ.

އާބަން ޑިވެލޮޕްމަންޓު ބިލަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ވެސް ތާއީދެއް ނުކުރެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ސްލާހު ގާނޫނަކަށް ވާ ހިސާބުން ކައުންސިލްތަކަށް އެމްޑީޕީގެ ވެރިކަމުގައި ހޯދައިދިން ބާރުތައް ގެއްލިގެން ދާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ ބިލުގެ ކޮންމެ މާއްދާއަކަށް ބެލިޔަސް އޮތީ އެފަދަ ހާލަތެއް ގެނުވާނެ ފަދަ ވާހަކަތަކެކެވެ.

ފައްޔާޒް ވިދާޅުވީ ކަައުންސިލްތަކަށް ހަގީގީ ބާރު ދިނީ، އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެއީ މިނިވަންކަމާއި، އިގްތިސާދީ ނަފާ ހޯދައިދިން ބާރުވެރިކަމެއް ނަމަވެސް މިއަދު ކައުންސިލްތައް އޮތީ ބިރުވެރިކަމެއްގެ މަތީކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ތަކުރާރުކޮށް ފައްޔާޒް ވިދާޅުވީ އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ބިލުގެ ސަބަބުން ކައުންސިލްތަކަށް އޮތް މާލީ ބާރުވެރިކަމާއި އިގުތިސޯދީ ނިންމުންތ ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް ކަމަަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާއި ގުޅޭ ކަންކަން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އިންތިޒާމު ކުރުމެވެ. އަދި އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައަޅައި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅު އެޅުމުގެ އުސޫލު ބަޔާން ކުރުމެވެ.

މި އިސްލާހުގެ ދަށުން ދިވެހިރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި ބެހޭ އުސޫލު ބަޔާން ކުރެ އެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދިއުށް ރާވާފައިވާ އަދި ކުރިޔަށް ގެންދާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި އެއް މިންގަނޑެއް ހިފަހައްޓާކަން ކަށަވަރުކޮށް އެ މަޝްރޫއުތައް ކިންސޮލިޑޭޓް ކުރެވޭނެ ނިޒާމެއް ގާއިމު ކުރަން ވާނެކަމަށް ބިލުގައި ވެއެވެ.

ބިލުގައި ވާގޮތުން ގާނޫނުގެ ދަށުން އާބަން ސެންޓަރުތައް ކަނޑައެޅުމާއި އާބަން ސެންޓަރުތައް ތަރައްގީކޮށް ހިންގުމާއި ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ގާނޫނު ތަންފީޒު ކުރުމަށް މިނިސްޓްރީއަށް އޮތް ޒިންމާއަކީ ސިޔާސަތުތައް އާންމުކޮށް އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާ ދިނުމެވެ. އަދި ގާނޫނަކަށް ބިލުވާ ހިސާބުން އާބަން ސަރަހައްދުތަކުގެ ގޮތުގައި ވަކިވަޖކި ސަރަހައްދުތައް ކަނޑައެޅުމާއި ގުޅޭގޮތުން ލަފާ ދޭން ޖެހޭނެ އެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ ފަރާތްތަކުން ޕްލޭން އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމާއި ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްހަމައެއްގައި ހިފެހެއްޓުން ހިމެނެ އެވެ.

މީގެއިތުރުން އާބަން ސަރަހައްދުތަކުގެ ޕްލޭނިންއާއި ތަރައްގީއާއި ބެހޭ ތަފާސްހިސާބުތަކާއި ބުލެޓިންތަކާއި މޮނޮގްރާފްތައް އެއްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ބަލަހައްޓަން ޖެހޭނީ މިނިސްޓްރީކަމަށް ބިލުގައި ވެއެވެ.

ބިލުގައި ބުނެފައި ވަނީ، ތަރައްގީގެ މަޝްރޫއޫތައް ވިލަރެސް ކުރުމަށްޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް ގާނޫނު ތަސްދީގު ކުރުމާއި އެކު އުފެދިގެން ދާނެކަމަށެވެ. އެއާއި އެކު މިނިސްޓްރީގެ ދަށުން ހިންގަމުން އައި އާބަން ޕްލޭނިންގ އަދި އާބަން ޑިވެލޮޕްމަންޓާއި ގުޅޭ ޑިޕާޓްމަންޓު ނުވަތަ ޑިވިޜަންގެ ޒިންމާތަކާއި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުވާނެ ކަމަށެވެ.

މިނިސްޓަރުގެ ލަފާގެ މަތީން އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެޓްރޮޕޮލިޓަން ސަރަހައްދާއި، އާބަން ރީޖަން އަދި އާބަން ސެންޓަރެވެ.

އާބަންގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކީ، ލޯކަލް ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްކަމަށްވީ ނަމަވެސް އެ ސަރަހައްދެއް ޕްލޭން ކުރުމުގައާއި ތަރައްގީ ކުރުމުގައި އަމަލު ކުރާނީ ގާނޫނުގައި އޮތް ގޮތަށެވެ. އެކަމަކު މަސައްކަތް ކުރިޔަށް ގެންދަން ވާނީ އެ ސަރަހައްދަކަށް ނިސްބަތްވާ ކައުންސިލާއި އޮތޯރިޓީއާއި ދެމެދު ހަދާ ގަވައިދުގައި ބަޔާން ކުރާ ގޮތުގެ މަތީންނެވެ.

ބިލުގައި ވަނީ ރަށްވެހިކަމުގެ ހިދުމަތާއި އެކު މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ފުރިހަމަ ނިންމުން އާބަން ސަރަހައްދުގައި މީހުން ގާއިމުވުމާއި އެކު ކައުންސިލަށް ލިބޭނެ ކަމަށެވެ.

އޮތޯރިޓީ ކައުންސިލާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ބަޔާން ކުރަނީ، އާބާދު ކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ދުވަސްވުމުގެ ސަބަބުން ބިނާވެށި ބާވެފައިވާ ސަރަހައްދުތަކާއި ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ ސަބަބުން އަބުރުވެރި ދިރިއުޅުމަކަށް އެކަށީގެންވާ ގޮތެއްގައި ބިނާވެށި ތަރައގީ ކުރެވިފައި ނުވާ ސަރަހައްދުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމެވެ.

އާބަން ސަރަހައްދުތަކުގެ މަސައްކަތާއި ގުޅޭ ޝަކުވާތައް އޮތޯރިޓީއަށް ހުށަހަޅަން ޖެހޭއިރު، މިނިސްޓްރީއާއި އޮތޯރިޓީއަށް ފަންނީ ލަފާ ދިނުމަށް ޕެނަލްތައް ނުވަތަ މަސައްކަތު ގުރޫޕެއް އެކުލަވާލާނެ އެވެ.

ކޮމިޓީ މަރުހަލާގައި އޮތް މި ބިލަށް މިހާރު ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފަަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން ދެ މިނިސްޓްރީގެ ވެސް ދެ ބަސްވުންތަކެއް ބިލުގައި ހުރުމުން އިތުރު ބަދަލުތަކެއް ބިލަށް އަންނާނެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: