މި ސަރުކާރުން ތައާރަފްކުރި ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށީ، ބަލި މީހުން އުުފުލުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން ވަނީ މިދިޔަ މާޗް މަހު ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމަށް ފަހު، މިހާރު އެ ބޯޓު ކޮމާޝަލް ދަތުރުތައް ކުރުމަށް ބޭނުންކުރާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާ ގުޅިގެން، ވާހަކަ ދައްކަވާފައެވެ.
މިނިސްޓަރ ވިދާޅުވީ ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެހެންނަމަވެސް އެ ހިދުމަތުގައި ބައެއް ލިމިޓޭޝަންސް ހުރި ކަން އެ މަނިކުފާނަށް ފާހަގަވެވަޑައިގެންނެވި ކަމަށެވެ. އަމީން ވިދާޅުވީ ސީޕްލޭން އަކީ ރޭގަނޑު ނުދުއްވޭ، ހަމައެކަނި ދުވާލު ދުއްވޭ އެއްޗަކަށް ވެފައި، އޭގައި ބައިވަރު ލިމިޓޭޝަންތަކެއް ހުރި ކަމަށެވެ. އަދި އޭގެ ސްޕީޑާއި އަދި ބައެއް ހާލަތްތަކުގައި ސީޕްލޭން ޕްރެޝަރައިޒްކޮށް ދުއްވަންޖެހުމާއި ބައިވަރު ލިމިޓޭޝަންސްތަކެއް ހުރި ކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވިއެވެ.
ސީޕްލޭނެއްގެ އިތުރުން މެޑިކަލް ހާއްސަ ޓީމަކާ އެކު އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓެއްގެ ހިދުމަތް ވެސް ފަށާފައިވާތީ، ސީޕްލޭން އެމްބިއުލާންސަށް ޑިމާންޑެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ހިދުމަތަށް ނެރުނު ފަހުން ބައެއް މަސްމަހު އެންމެ ދަތުރެއް ވެސް ސީޕްލޭންގައި ކުރަން ނުޖެހޭކަން ފާހަގަކުރެވުނު،“
އެއާ އެކު، މި ވަގުތު ރާއްޖެ އަށް ސީޕްލޭން އެމްބިއުލާންސެއްގެ މާބޮޑު ބޭނުމެއް ނެތް ކަން، ތަފާސްހިސާބުތަކާ އެކު ރައީސް މުއިއްޒަށް ދެންނެވުމުން، އެ ވަސީލަތް ބޭނުމެއް ނުހިފައި ބޭއްވުމުގެ ބަދަލުގައި، ކޮމާޝަލް އޮޕަރޭޝަންސްތަކަށް ބޭނުންކުރުމަށް ވިދާޅުވި ކަމަށް އޭނާ ހާމަކުރެއްވި އެވެ.
އެކަމަކު، އަމީން ވިދާޅުވި ގޮތުގައި، އެހެން ދަތުރުތައް ކުރުމަށް ސީޕްލޭން ބޭނުންކުރިޔަސް، އޭގައި ބަލި މީހުން އުފުލުމުގެ ހިދުމަތް ހުއްޓާނުލަ އެވެ. ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަނެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ޙާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން ކަމަށް އަމީން ވިދާޅުވިއެވެ.


One Response
މިހާރު މެޑިކަލް އިމަރޖެންސީތައް އަންނާނީ ފްލައިޓް އޮތް ހިސާބަކާއި ހާލަތުބަލާފައި.