މިފްކޯގެ ރަށެއް ކަމުގައިވާ ކ. ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ރައީސުލްޖުމްހޫރިޔާގެ ކެބިނެޓުގެ މަޝްވަރާއިން ނިންމެވުމާގުޅިގެން އެރަށުގައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯ ބުނެފައި ވަނީ، ކަނޑުއޮތްގިރި އެމްއެންޑީއެފާއި ހަވާލު ކުރިކަން ފިޝަރީޒް މިނިސްޓްރީން ދާދި ފަހުން ހާމަކުރެއްވި އެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ވަނީ ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށް ނިންމާފަ އެވެ. އެ ނިންމެވުމާއި އެއްގޮތަށް ހުޅުމާލެއިން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކަމާއި ބެހޭފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް މިމަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ މިފްކޯގެ އިތުރުން އެޗްޑީސީއަށް އެންގި އެވެ. އެކަން ފާހަގަކޮށް މިފްކޯއިން ބުނީ އެ ކުންފުނިން ދަނީ އެކަމަށް އެކަށީގެންވާ ވަރުގެ ބިމެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ކަމަށެވެ.
ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ.
މިފްކޯއިން އެޗްޑީސީގައި އެދިފައި ވަނީ އެ ފެސިލިޓީ އެއްކޮށް ގާއިމްކުރެވޭނެ ބިމެއް ހުޅުމާލެއިން ހޯދުމަށެވެ.
ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް
މިފްކޯއިން ވަނީ ސައުދީ ލޯނު ފަންޑުގެ ދަށުން 5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް ކޮށްފައެވެ. އަދި ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން 8 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކުރެވިފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ މިފްކޯއިން ދެކޭގޮތުގައި ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެކެވެ.
ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ. އަދި މިކަމާގުޅިގެން އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން މިހާރު ކުރިއަށް ގެންދަނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި އެއީ ވަގުތީ ހައްލެއް ނަމަވެސް އެކުންފުނިން އަމާޒު ހިފާފައި ހުރީ، ލިބިފައިހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ބޭނުން ހިފައި، ވީހާވެސް އަވަހަކަށް ހުޅުމާލެއިން އެމަސައްކަތް ކުރުމަށް އެކަށީގެންވާ ބިން ހޯދައިގެން ފުޅާދާއިރާއެއްގައި އެ ހިދުމަތްތައް އަލުން ދިނުމެވެ.


One Response
މުޅި މި މަސްވެެރި ސިނާ އަތުގައި މިއަދަކީ ކަޅު ދުވަހެއް ! ކަނޑުއޮތްގިރި މިފްކޯއިން ދިނީކީއެއް ނޫން ، މަސްވެރިކަމުގެ ސިނާއަތް ހަލެއް ފަޅެއް ، މުގުރާމެއް ބޯއްޖެއް ނުދަންނަ ސޮހިލުން ތަކެއް އުޑެއް ނޭނގޭ ބައެއްގެ ސަބަބުން ބޮޑުކަންނެލި މަސްވެރިކަން މި ފުޑުނީ ! ހަރާން ބަޅުމަސްބަދަލޫގައި ދެއްވި ބިމުގައި ކޮޓަރިއެއް ބާރުވެސް ނޭޅޭ.