20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް އެމްޑީީޕީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ އެކަމުގެ ކަނބޮޑުވުން އެ ޕާޓީއިން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލިހަށް ހުށައަޅާ ފާސްކުރެވުނު ވަރަށް މުހިއްމު ގާނޫނެއް ކަމަށެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ވނީ ބުނެފައެވެ.
ލާމަރުކަޒީ ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒުކޮށް ރަށްރަށް ތަރައްގީކޮށް ހިންގުމުގައި އެރަށެއްގެ ރައްޔިތުންގެ ބައިވެރިވުން ހިމެނުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. ރަށްރަށުގެ ރައްޔިތުން އިތުބާރުކުރާ ބަޔަކު ރައްޔިތުންގެ ވޯޓުން އިންތިޚާބްކުރުމާއި އެ ރަށެއްގެ އިހުތިސާސްގެ މިލްކުވެރިކަން އެރަށަކަށް ދިނުމާއި އަދި އެރަށެއްގެ މުއްސަނދިކަން އެރަށަކަށް ހޯދައިދިނުން ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނެފައިވަނީ 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ފާސްކޮށް އަމަލު ކުރަން ފެށި ނަމަވެސް ލާމަރުކަޒީ ނިޒާމް ފުރިހަމަވެ ފައްކާވުމަށް އަބަދުވެސް ގެންނާންޖެހޭނެ ހެޔޮ ބަދަލު ހުންނާނެކަން ގަބޫލުކުރާ ކަމަށެވެ. 2018 ވަނައަހަރު އުފެދުނު އެޕާޓީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށަހެޅުނު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމް.ޑީ.ޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖިލިހުން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަ ކަމަށާއި ދައުލަތުން އެއަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ޤާނޫނުގައި ކަނޑައެޅުނު ކަމަށް ވަނީ ބުނެފައެވެ.
ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅި އިހުތިސާސްގެ މިލްކުވެރިކަން ރަށްތަކަށް ލިބިގެން ދިޔަކަމަށާއި އިހުތިސާސްގައި ހިމެނޭ ބިންތަކުގެ ސީދާ ފައިދާ ކައުންސިލްތަކަށް ލިބި، ބިމާބެހޭ އެންމެހާ މުއާމަލާތް ކުރުމުގެ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދިން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރިކުރުމަށް ރަށް ހިންގުމަށް އިންތިހާބުކުރާ ވެރިންގެ ތެރެއިން ވަކި މިނަވަރެއް އަންހެނުންނަށް ޚާއްސަ ކުރެވުނު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ބޭނުންވާ މާލީ، އިދާރީ، އަދި ސިޔާސީ މިނިވަންކަން ކައުންސިލްތަކަށް ފަހިވެގެން ދިޔަ ކަމަށާއި ފަންނީ، ސިޔާސީ، އިދާރީ ފަރާތްތަކާ، ބައިނަލްއަގުވާމީ އެކި އެކި ޖަމިއްޔާ ޖަމާއަތްތަކާ އަދި އާއްމުންގެ ގިނަ ހިޔާލާ މަޝްވަރާއާއެކު ލާމަރުކަޒީ ގާނޫނަށް އެމް.ޑީ.ޕީގެ ފުރިހަމަ މެޖޯރިޓި އޮތް 19 މަޖިލިހުން ގެނެވުނު އިސްލާހުތަކާމެދު ފަހުރުވެރިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ބަޔާޏުގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ބިލަކީ 19 މަޖިލިހަށް ހުށައެޅި ދިރާސާކުރެވުނު ބިލެއް ކަމަށެވެ. އެ ބިލު ދިރާސާކުރީ އެމް.ޑި.ޕީގެ މެޖޯރިޓީ އޮތް ކޮމިޓީއަކުންކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ. އެ ޕާޓީން ބުނިގޮތުގައި އޭރު އެ ބިލު ދިރާސާކުރި ކޮމީޓީގެ ވިސްނުމަކަށް ވެފައޮތީ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ގާނޫނު ފާސްކުރުމުގެ ކުރިން ލާމަރުކަޒީ ގާނޫނާ ފުށުއަރާ އެހެން މުހިއްމު ގާނޫނުތައް އިސްލާހުކުރުމެވެ.
އެމްޑީޕީން ބުނީ އޭރު އެ ބިލު ފަރުމާކޮށްފައިވާގޮތުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމަށް ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކަށް ހުރަސްއެޅޭކަން ކޮމިޓީއިން ފާހަގަކޮށް ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އޭރު އަމަލުކުރަމުންދާ ބިނާވެށި ގާވާއިދުގައިވާ މިންވަރަކީ ބިނާވެށި ޕްލޭންކޮށް ހިންގުމަށް އެވަގުތައް ސަރުކާރާށް ފުދޭނެ މިންވަރުކަމަށް ކޮމިޓިއިން ގަބޫލުކުރާކަމާއި ވަކި ގާނޫނެއް އެކަމަށް ބޭނުންނުވާކަމަށް ކޮމިޓީއިން ފާހަގަކޮށްފައިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް 19 ވަނަ މަޖިލިހުންކޮށްފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނާއި ފުށުއަރާ މުހިއްމު އެހެން ގާނޫނުތައް އިސްލާހުކޮށް އެގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނު، ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނު އަދި ދިވެހިރާއްޖޭގެ ފަޅުރަށްތަކާބެހޭ ގާނޫނު ފަދަ ގާނޫނުތައް ހިމެނޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް ޕާޓީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ އެކަމުގެ ކަނބޮޑުވުން އެމްޑީޕީން ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިންޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލާ ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެކަން ފާހަގަވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި ވަގުތު ކޮމިޓީ މަރުހަލާގާ އޮތް އާރބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށައަޅަފައިވާ ގޮތަށް ފާސްކުރެއްވިއްޖެނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނެފައިވަނީ ސަރުކާރުގެ ސުޕަރ މެޖޯރިޓީއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާއި އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާ، ސިޔާސީ ޕާޓީތަކާއެކު ހުޅުވާލެވިފައިވާ، ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ މަޝްއަރާއާއެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ޤާނޫނީ ޝަޚްޞެއްކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންމުގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް ހިނދު، ރައީސް ޑރ. މުއިއްޒު އެ ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކަނޑައެޅިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލަންކަމުގައި ޕާޓީން ދެކޭ ކަމަށް ވަނީ ބުނެފައެވެ. އަދި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސް ޑރ.މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

