ޕީޕީއެމްގެ އޮފީހުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތަފްސީލުކަމަށް ބުނެ ފަތުރަމުން ދަނީ އަސްލެއް ނެތް ރިޕޯޓެއްކަމަށް ފުލުހުން ބުނެފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ ރިޕޯޓެއް އާންމު ކުރީ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ. އޭނާގެ ޕޯސްޓުގައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، 2016 ގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރިކަމަށެވެ.
މި ރިޕޯޓުގައި އެހެން ބައެއް ކަންކަން ވެސް ތަފްސީލުކޮށްފައި ވެއެވެ.
ހަތަރު ސަފުހާގެ އެ ރިޕޯޓު ފުލުހުންގެ މީޑިއާ ގުރޫޕަށް ހިއްސާކޮށް، ކޮމެންޓަކަށް އެދުމުން އެސިސްޓެންޓް ކޮމިޝަނަރ އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސޯޝަލް މީޑިއާގައި ފަތުރަނީ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިވަގުތު ޝަރީއަތްތައް ހިންގަމުން ދާ ރައީސް ޔާމީން ވަނީ، އެ ފައިސާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް ލިބުނުކަމަށް ތުހުމަތު ކުރައްވާފަ އެވެ. ހިޔާނާތުގެ މައްސަލައިގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވީ ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލާނެކަން ހާމަކުރައްވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ގާނޫނުތައް އޮތް ގޮތުން، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އެ ފައިސާ ހޯދުން އެއީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު އެސެޓް ރިކަވަރީ ބިލެއް ޑްރާފްޓު ކުރަމުންދާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބަލައި، ހައްގު އަދަބު ލިބެން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފަ އެވެ.

