އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ބާއްވައިފި އެވެ.
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށްޓަކައި އިސްލާމީ މަރުކަޒުގައި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައިދު ވިދާޅުވީ، މިނިސްޓްރީގެ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
ޝަހީމް ވިދާޅުވީ މިއަދުގެ ސަރުކާރުން އިސްލާމް ދީނަށް ނަސްރު ދިނުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީ މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިން ކަމަށެވެ. އަދި އިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރި އެވެ.
މި އަހަރުގެ މަހާސިންތާ ބާއްވާފައި ވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ދިވެހިރާއްޖޭގެ ހުރިހާ އިލްމުވެރިންނަށް ވެސް ހާއްސަކޮށްގެން ބާއްވާ މި މަހާސިންތާއަށް މި އަހަރު ކަނޑައަޅާފައި ވަނީ ”އިސްލާމީ ރިވެހި އަހުލާގު ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު“ މައުޟޫއު އެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު މަހާސިންތާތަކުގެ ތެރޭގައި، ސެޕްޓެމްބަރު މަހު ބާއްވާ ޖަމިއްޔާތަކުގެ މަހާސިންތާއާއި އިމާމުންގެ މަހާސިންތާ ފާހަގަކުރެވެ އެވެ. އަދި އޮކްޓޯބަރު މަހު ޒަކާތު މަހާސިންތާއާއި ހައްޖާއި އުމްރާގެ މަހާސިންތާ ކުރިޔަށް ގެންދާނެ އެވެ.
މިނިސްޓްރީން ނިންމާފައި ވަނީ ފަތުވާ މަޖިލިސް މަހާސިންތާ ނޮވެމްބަރު މަހު ކުރިޔަށް ގެންދިއުމަށެވެ.
މިފަދަ މަހާސިތާއެއް ކުރިޔަށް ގެންދިއުމުގެ ބޭނުމަކީ، މިނިސްޓްރީން ފާހަގަކުރި ގޮތުން ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުވުމާއި ކަނޑައެޅިފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދި ކުރުމެވެ. އަދި ސައްހަ އަގީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާ ކުރުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ އެއް އަމާޒެވެ.

