ނިއުދިއްލީގައި ބޭއްވި ”ކޮމްބެޓިންގ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫ-އިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް“ ގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެސް ކުރިއަށް ގޮސްފައިވަނީ މިމަހުގެ 21 ހުން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށެވެ. ދެ ދުވަހަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކަލުގެ މައްޗަށެވެ. މި މަޝްރޫއުގެ ދަށުން ޑްރޯން ޓެރަރިޒަމާއި، ސައިބަރ ސެކިއުރިޓީ އަދި ދޮގު މައުލޫމާތު ފެތުރުން ފަދަ އެކި ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ މަސައްކަތް ކުރައްވައިފައެވެ.
މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކޮންފަރެސް އެކެވެ. މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވިއެވެ.
އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާ އަދި ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މި ކޮންފަރެންސްގައި މަޝްވަރާކުރައްވައިފައެވެ.
ޑެޕިއުޓީ ކޮމިޝަނަރ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާތަކާއި ބެހޭ ގޮތުން ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ކޮންފަރެންސްއަކީ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އެއްބާރުލުން އިތުރުކުރުމުގެ ޔޫރަޕިއަން ޔޫނިއަންގެ މަޝްރޫއު (އީއެސްއައިޑަބްލިއުއޭ)ގެ ދަށުން ކުރިން ހިންގާފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ލެވެލްތަކުގައި ދަނީ ހަރުދަނާ މަސައްކަތްތައް އަބދުވެސް ކުރަމުންނެވެ.

