ރާއްޖޭގެ ކަނޑު ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގަވައިދު ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިނުވާކަން އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓު އޮފީހުން މި އަހަރުގެ އޮގަސްޓު 18 ވަނަ ދުވަހު އާންމުކޮށްފައިވާ ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި އަމަލުކުރާގޮތުގެ ޕާފޯމެންސް އޮޑިޓު ރިޕޯޓުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުނުކުރެވޭ ބައެއް ހާލަތްތައް ފާހަގަކޮށްފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުން އެތެރެކުރެވޭ ތަކެއްޗާއި އަންނަ މީހުން މެދުވެރިކޮށް އެހެން ގައުމުތަކުން ބަލިތަކާއި ބަލިޖެހިފަިއވާ ތަކެތި އެތެރެވިޔަ ނުދިނުމަށްޓަކައި ބަނދަރުތަކުން އައިސް ގޮސް ހަދާ އުޅަނދުފަހަރާއި ދަތުރުކުރާ މީހުންގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާނެ ގަވައިދެއް އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލެވިފައިވާކަމަށެވެ. އެހެންނަމަވެސް އެ ގަވައިދު ތަންފީޒުކުރަން ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން ބަނދަރުތަކުން އަންނަ މީހުންނައި ފުރާ މީހުންގެ ތެރެއިން ގައިން ގަޔަށް އަރާ ބަލިތައް ހުރިކަމަށް ޝައްކުކުރެވޭ މީހުން ދެނެގަތުމާއި އެފަދަ މީހުން ސްކްރީންކުރުމަށް ބޭނުންވާ ތަންތަނާއި އެފަދަ މީހުން ބަނދަރުގެ އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ދަތުރުފަތުރުކުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަަށާއި ޖަރާސީމުގެ އަސަރުކޮށްފައި ހުރެދާނެ އުޅަނދުތަކާއި މުދަލުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރެވެންދެން ވަގުތީ ގޮތުން ބެހެއްޓުމަށް އިންތިޒާމުތަކެއް ހަމަޖައްސައިދޭންޖެހޭނެކަމަށް ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދުގެ 5 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެފަދަ އިންތިޒާމެއް ބަނދަރުތަކުގައި ގާއިމުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
ކެމިކަލް ފަދަ ތަކެތި ރައްކައުކުރުމަށްޓަކައި އެކަށީގެންވާ އިންތިޒާމުތަކެއް މާލޭ ކޮމާޝަލް ހާބަރުގައި ނެތް މައްސަލަވެސް އޮޑިޓު ރިޕޯޓުގައިވެއެވެ. އެގޮތުން ތަފާތު ސަބަބުތަކާއި ގުޅިގެން ހިފަހައްޓަންޖެހޭ، ނުވަތަަ ވަގުތީ ގޮތުން ބަހައްޓަންޖެހޭ ކެމިކަލް ފަދަ ނުއައްކާތެރި ކާގޯ ބެހެއްޓުމަށް މާލޭ ކޮމާޝަލް ބަނދަރުގައި ހަދާފައިވާ ތަނަކީ އެފަދަ ތަކެތި ބެހެއްޓުމަށް އެކަށީގެން ނުވާ ފަދަ ތަނެއްކަމަށް އޮޑިޓް ވަނީ ފާހަގަ ކޮށްފައެވެ. އެތަނުގައި ބަހައްޓާ ތަކެތި އަވިން ރައްކައުތެރިކުރެވޭނެ ގޮތެއް ހަދާފައިނުވާކަމަށް މައުލޫމާތު ދީފައިވާއިރު ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުން އެތަން ވަށައިގެންވާ ސަރަހައްދު ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރަމުންދާކަމުން ބޮޑެތި ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އޮޑިޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓުން ބުނެފައިވާގޮތުން އެގޮތަށް އަމަލުކުރުމުގެ ސަބަބުން އެތަނުގައި ބަހައްޓާފައި ހުންނަ ތަކެތީގައި އަލިފާން ހިފުމުގެ ފުރުސަތު އޮވެއެވެ. އަދި އެފަދަ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ބަނދަރުގައި މަސައްކަތްކުރާ މީހުންނާއި ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތައް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ.

