މިފްކޯއިން 1999 ވަނަ އަހަރުން ފެށިގެން ކ ކަނޑުއޮތްގިރީގައި ހިންގަމުންދިޔަ މަސް ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަން ބޭނުންވާ ބިން ލިބެންދެން އެ މަސައްކަތްތައް . ފެލިވަރަށް ބަދަލުކުރަން ނިންމައިފިއެވެ.
ކ. ކަނޑުއޮތްގިރި މިހާރު ވާނީ އެމްއެންޑީއެފަށް ދޫކޮށްލާފައިކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރުން ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު މަޝްވަރާކުރެވެމުންދާކަމަށެވެ.
މިފްކޯގެ މަސް ފެކްޓަރީ ކަނޑުއޮތްގިރިން ބަދަލުކޮށް، އެ ރަށް ދޫކޮށްލަން ނިންމާފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާނުކުރީ ޖޫން 13 ގައެވެ. ސެޕްޓެމްބަރު 15 ގެ ކުރިން ކަނޑުއޮތްގިރި ހުސްކުރަން މިފްކޯއަށް ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން މިފްކޯއިން ނެރުން ބަޔާނެއްގައި ބުނީ ކަނޑުއޮތްގިރީގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައީ އެ ރަށުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް މި ހިނގާ އޯގަސްޓް 4 ގައި ކެބިނެޓުން ނިންމުމުންކަމަށެވެ. ކަނޑުއޮތްގިރިއަކީ މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބުގެ ގޮތުގައި މިފްކޯއިން ސިފަ ކުރެއެވެ.
މި ޕްރޮޑަކްޓްތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑުކަމަށް ފާހަގަކޮށް މިފްކޯއިން ބުނީ، އެހެންކަމުން އެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. ނަމަވެސް މި މަސައްކަތަށް ވަގުތު ނަގާނެކަމަށް ބުންޏެވެ. ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އޮތް ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި މިފްކޯއިން ދެކެއެވެ.
ކަނޑުއޮތްގިރިއަށް ބޮޑެތި އިންވެސްޓުމަންޓުތަކެއް ކުރެވިފައިވާތީ، އޭގެ ބޭނުން ހިފުމަށް ހުޅުމާލެއިން ވަރަށް އަވަހަށް ބިމެއް ބޭނުންވާކަމަށް މިފްކޯއިން ބުންޏެވެ. އަދި ބުނީ ރަނގަޅު ތަނެއް ހުޅުމާލެއިން ހަމަޖެހެންދެން މަސް ކާރުހާނާގެ މަސައްކަތްމިވަގުތަށް ފެލިވަރަށް ބަދަލުކުރަން ޖެހޭކަމަށެވެ.
އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ.
މިފްކޯއިން ބުންޏެވެ.
ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ބޮޑުވުުން މިކަމާއި ގުޅިގެން، އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެކަމަށް މިފްކޯއިން ބުންޏެވެ.

