އިންތިހާއަށް ގިނަ ދަރަނިތައް ނަގައި، ފުންމިން ނޭނގޭ އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީގެ ސަރުކާރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން، އައިޝަތު ނޫރައްދީން ވަކި ކުރި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މިއީ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރެއްކަމަށާއި، ބޭންކުތައް މިނިވަންކަމާއި އެކު ހިންގުމުގެ ޖާގަ ލިބެން ޖެހޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ގޮވާލުމުން ރައްދުގައި ސައީދު ވިދާޅުވީ ސަތޭކަ އަހަރާއި ނުބައްދަލު ދަރަނި ނެގީ އޭނާ ވަޒީރުކަން ކުރި ސަރުކާރުގައި ކަމަށެވެ.
ސައީދު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރު ނިމިގެން ދިޔައީ އަޑި ނޭނގޭ ފުންމިނަށް ރާއްޖޭގެ އިގްތިސާދު ވައްޓާލުމަށް ފަހު ކަމަށެވެ. އެހެންކަމުން ގައުމު މިއަދު ދެކޭ ދަތި ދުވަސްތަކުގެ ޒިންމާ ނަގަން ޖެހޭ މަސްއޫލުވެރިއަކު އިގްތިސާދުގެ ވާހަކަ ދެއްކުން ލަދުވެތިކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ މުޅި ނިޒާމު އެއްކޮށް ހަލާކުކޮށްލައި، މާލިއްޔަތު ފުން އަނދަވަޅަކަށް ވައްޓާލީ ވެސް އެމްޑީޕީކަމަށެވެ. އެއީ ވަކި މީހެއްގެ މަސްލަހަތުގައި ކުރިކަމެއްގެ ގޮތުގައި ތުހުމަތުކޮށް، ސައީދު ވިދާޅުވީ ފަރުދަކަށް ވުރެ ގައުމުގެ އިގްތިސާދު މުހިންމުވާނެ ކަމަށެވެ.
100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިގްތިސާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި. މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން. ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު.
މައްސަލައިގައި ދެބޭފުޅުންގެ ދެމެދުގައި ބަހުސެއް އުފެދި، ސައީދަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ އިގްތިސާދު ހަމަޖެހޭ މިސްރާބަކަށް ގެންދިއުމަށް ހެޔޮ އެދުން ފޮނުވާކަމަށާއި އެހެން ނަމަވެސް އެ މަސައްކަތުގައި އެއްވެސް ގާބިލުކަމެއް ހުރިތަން އަދި ތަސައްރަފެއް ހުރިތަން ވެސް ނުފެންނަކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ޕީއެންސީއަށް ވޯޓުދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައީ އިގްތިސާދު މެނޭޖު ކުރާނެ ގޮތުގެ ޕްލޭނެއް އެބައޮތްކަމަށާއި ލޯނުތައް ދެއްކުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް ވިސްނައިދީގެން ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ފަސް އަހަރުގެ ތެރޭގައި ނުކުރެވުނު ކަންތައްކަމަށް ބުނެ 09 މަސް ދުވަސް އެއްކޮށް ދުއްވާލުމަކީ ގާބިލުކަމާއި މެދު ކޮންމެ ބަޔަކަށް ވެސް ސުވާލު އުފެއްދޭނެ ސަބަބެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ހައްލުކަމަށާއި، އެހެން ކަމުން ރަނގަޅު ސިޔާސަތަކާއި ޕްލޭނެއް އިހުތިޔާރު ކުރަން ގޮވާލާކަމަށެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ސޮވެރިން ޑިވެލޮޕްމަންޓު ބޭނުންކޮށް، އެންމެ ދެކޮޅުކަމަށް ދައްކަން އުޅޭ ފައިސާ ޗާޕު ކުރުމުގެ ތެރެއަށް ވެސް މި ސަރުކާރުން ދާނެކަމަށެވެ. މިއީ ކުރު މުއްދަތެއްގެ ހައްލުތަކެއްކަމަށްވުމާއި އެކު ފައްޔާޒް ވަނީ ބޭކާރު ހަރަދުތައް ހުއްޓާލަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.


One Response
ރާއްޖޭގެ ގާނޫނުތަކުން ބައެއް ވިޔަފާރިތަކަށް ޑޮލަރުން ނުވަތަ ޔޫރޯއިން އިންވޮއިސް ހެދުމުގެ ހުއްދަ އޮވޭ. މިފަރާތް ތަކުގެ ތެރޭގައި ރިސޯޓް، އެއާރލައިން، ގެސްޓް ހައުސް، ބަންކަރިންގ، މަސް ބޭރުކުރުން، ހިމެނޭ. އަވައްޓެރި ގައުމު ތަކުގައިވެސް މިފަދައަށް އަމަލުކުރޭ. ނަމަވެސް ރާއްޖޭގައި ހުރި ތަފާތުތައް އެނގިފައިހުރި މިންވަރަކުން ހިއްސާކޮށްލާނަން. ބޭރު ފައިސާއިން ކުރާ އިންވޮއިސް އަކަށް ލިބޭ ބޭރު ފައިސާއެއް އެ އިންވޮއިސް ކުރާ ރާއްޖޭގައި ރަޖިސްޓްރީ އޮންނަ ރާއްޖޭގައި އޮންނަ އެކުންފުނީގެ ބޭރުފައިސާ އެކައުންޓަށް ޖަމާނުރުކިޔަސް ހެޔޮ. އެކަމަކު އެފަރާތް ތަކުން ބޭރުން އެއްޗެއް އިމްޕޯރޓް ކުރަން ބޭނުން ވެއްޖިއްޔާ ބޭންކް ތަކުން ޑޮލަރު ނުލިބޭކަމަށް ނުވަތަ ލިބުން ދަތިކަމަށް އަބަދުވެސް ބުނެ އުޅޭ. ޖެހެނީ ކަޅު ބާޒާރުން ދޮލަރު ގަންނަން ޖެހޭކަމަށް.
އުސޫލެއްގެ ގޮތުން ރާއްޖޭގެ އެކްސްޕޯރޓަށް ލިބޭ ބޭރު ފައިސާ ވަންނަންވީ ފުރަތަމަ ރާއްޖެ އަށް. އެއައްފަހު ރާއްޖޭން ބޭރައް ދާންވީ. ގާނޫނީ ގޮތުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިބާ އެގްޒެކެޓިވް ބާރަކުން ވިޔަސް މިކަން ވީހާ އަވަހަކަށް ކުރަންވީ. ރާއްޖެއަށް ބޭނުންވާ ބޭރުފައިސާ ބޭންކް ތަކުން ލިބޭނެގޮތް އޭރުން ބަޑުތަނުން ފަސޭހަ ވެގެން ދާނެ. ކުޑަ ހިސާބެއް ޖަހާލާނަން. ރާއްޖޭގައި މިވަގުތު 40،000 އަށްވުރެގިނަ ރިސޯޓް އެންދު ހުރިކަމަށް ޓުއަރިޒަމް ވުޒާރާގެ ތަފާސްހިސާބު ދައްކާ. އެވްރެޖްކޮށް އަހަރެއްގެ އޮކިޔުޕަންސީއަކީ 70% ކަމަށް ބަލަމާ. އެއީ އަހަރަކަށް 10،220،000 ބެޑްނައިޓްސް. ކޮންމެ ބެޑްނައިޓްއެއް ޔޫއެސްޑީ 250 ރެޔަކަށް ހޭދަކުރިޔަސް (މިއީ ރޫމް ރޭޓް،އެކްސްޓރާސް، ކެޔުން، ކުޅިވަރު، ޑައިވިންގ ވެސް ހިމަނައިގެން އެންމެ ދަށް އަދަދުކަމަށްބަލާފަ)، އަހަރެއްގެ މައްޗައް ރިސޯތް ތަކުން ޔޫއެސްޑީ 2،555،000،000 (2.5 ބިލިޔަން – ވިތް އަ ބީ) ރާއްޖެއަށް އެބަ ލިބޭ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗައް 212.9 މިލިއަން ޔޫއްސްޑީ.
ހިތިބޭސް ބޯން ރައްޔިތު މީހާ ތައްޔާރުވާއިރު، މި ހިތި އުފަންކުރުވި ސިނާއަތްތައް ވެސް މިހިތި އެބަ ބޯންޖެހޭ. މިކަން ރަނގަޅުކުރުމަށް ނޫޅުނީ ކުރީ ސަރުކާރެއް، އެ ސަރުކާރެއް، މި ސަރުކާރެއް ކިޔާނެކަމެއް ނެތް. ވޭތުވެ ދިޔަ އަހަރު ތަކުގައި ބޭރުފައިސާ ލިބޭ މި ސިނާއައްތަކުން މިކުރާ އަމަލު މިހާރު ރާއްޖެއަށް މި ޖެހިފައިވާ އުނދަގުލުން އަރާއިގަތުމަށް އެއްބާރުލުން ދޭންޖެހޭ. މިހާތަނައް މި ސިނާއަތްތަކުގެ ވިޔަފާރިތައް އޮޕަރޭޓް މިކުރިގޮތުން، ހައްޖައް ދާންވިޔަސް، ބޭސްފަރުވާއަށް ދާންވިޔަސް،ކިޔަވަން ބޭރައް ދާންވިޔަސް، ކިޔަވާކުދިންގެ މަހުގެ ހަރަދުތައް އެކުނިންނަށް ފޮނުވަންވިޔަސް، މި ޖެހެނީ ކަޅު ބާޒާރުން ޑޮލަރު ގަންނަން. ސަރުކާރުން ހިންގާ ޕްރޮޖެކްޓް ތަކަށް ތަކެތި އިމްޕޯރޓް ކުރިޔަސް، އެސްއޯއީ އެއް ވިޔަސ މި ޖެހެނީ ކަޅުބާޒާރުން ޑޮލަރު ގަންނަން.
ރާއްޖޭގެ ރައްޔިތުން ނުހަނު އިތުބާރުކޮށް ރައީސް އެއް ހޮވާ، ރައްޔިތުންގެ މަޖްލީހުގެ އަގްލަބިއްޔަތު މި ދިނީ ދިވެހި ރައްޔިތު މީހާ މިބުނާ ހިތިބޭސް، މި ހިތި ބޭސް ބޯން މި އުފަންކުރުވި ފަރާތްތަކާ އެކުއެކީ ބޯށެވެ. އެ ފަރާތްތައް އެއްކިބާކޮށް، އާންމު ރައްޔިތު މީހާ އެކަނި މި ހިތި ބޯކަށެއް ނޫނެވެ. ދިވެހީންގެ އާދޭހަކީ މިއަދު ވެރިކަމުގައި ހުންނެވި ފަރާތުން މިކަން ރަނގަޅަށް އެނގުމެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ދައިރުވުމެ ފަސޭހަ ވާނެގޮތަކަށް ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އަޅައިދިނުމެވެ. ހިތި ބޭސް ބޯނީކީ ހަމައެކަނި ނިކަމެތި ރައްޔިތު މީހާ އެއް ނޫން.