ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކު ތެރެއިން ގެންނަން އުޅުނު ބަޣާވަތް ފެއިލް!

ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ މުޅި އާބާދީއަށް އަސަރު ކުރާ ގޮތަކަށް މާލީ އިދާރާއަކުން އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލައި މީގެ ކުރިން ދުވަހަކު ވެސް ބޮޑު ނިންމުމެއް އިއުލާނުކޮށްފައި ނެތެވެ. މިއަދު ދިވެހި ރައްޔިތުންގެ ކުދި ބޮޑު އެންމެނާއި، ރާއްޖޭގެ ސިޔާސީ ކަންކަން ނުދަންނަ ޒުވާން އުމުރުގެ ކުދިން ވެސް ކޮފީ މޭޒުގައި ދައްކަމުން ދަނީ ދިރިއުޅުމަށް ބޮޑު ހުއްޓުމެއް ގެނެވި އެ ނިންމުމުގެ ވާހަކަ އެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާންމު ކުރި ނޯޓިސްއެއްގައި މިހާރު ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށް އިއުލާނު ކުރީ ބޭންކުން ވެސް މާލީ ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރާއި އެކު މަސައްކަތް ކުރަމުން ގެންދާކަމަށް ހާމަކޮށްފައި ވަނިކޮށެވެ. މަސައްކަތްތަކާއި ގުޅުވައި މީގެ ކުރިން ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފެންމަތިވުމުން، ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ވާނެ ނިންމުމެއް ނުނިންމާނެކަމުގެ ޔަގީންކަން ބޭންކުން އޮތީ ދީފަ އެވެ. ރައްިޔތުންވެސް ގަބޫލުކުރާ ގޮތަކީ އެއީއެވެ. ދިވެހީންގެ ބޭންކް ދިވެހީންނަށް ގެއްލުންވާނޭ ހަމަ އެއްވެސް ނިންމުމެއް ނުނިންމާނެއެވެ. އެއީ ބޭންކާއި ބޭންކުގެ ބޯޑުގެ ވިސްނުމެއް ވެސް ނޫނެވެ.

ކޮންމެއަކަސް ބަޔަކު ނުވަތަ މީހަކު އަޑީގައި ހުރެގެން ނިންމުވި ނޫންނަމަ ނިންމި އެ ނިންމުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި ދަރިވަރާއި، ދިގު މުއްދަތެއްގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައި ތިބި އާއިލާތަކާއި މި ގައުމުތަކުގައި ދިރިއުޅެމުން ދާ ދިވެހިން ކެނޑިނޭޅި ސުވާލު ކުރަމުން ދިޔައީ އެ މީހުންނަށް ވާނީ ކިހިނެއްތޯ އެވެ. ވިޔަފާރިއަށް ރާއްޖެއިން މުދާ ގެންނަ އެތައް ބަޔަކު ވަގުތީ ގޮތުން ވިޔަފާރި ހުއްޓާލިކަމަށް ވެސް އިއްޔެ އިއުލާނުކޮށްފައި ހުއްޓެވެ.

މި ނިންމުމުގެ އަސަރު ކުޑަކުޑަ ސަބްސްކްރިޕްޝަނެއް ގެންގުޅޭ މީހަކަށް ވެސް ކުރާނެ އެވެ. އެހެންކަމުން ދިވެހިންގެ ބޭންކުން، މިފަދަ ނިންމުމެއް ކުރިޔާލައި އެންގުމަކާއި ނުލައި އާންމު ކުރުން ވީ ބަލައިގަތުމަށް އުނދަގޫ ނިންމުމަކަށެވެ.

މުޅި މައްސަލައަށް ނަޒަރު ހިންގާލާއިރު، ބެލެވެން އޮތީ މިއީ އެހެން ބަޔަކު އިސްވެ ތިބި ކުރިކަމެއްގެ ގޮތުގަ އެވެ. ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތައް ވަށައިގެން ވަނީ އެތަނެއްގެ އިސްވެރިއެއްގެ ބަހަކަށްކަމަށްވުމާއި އެކު އެ އިހުމާލު އެބައޮތްކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން އަމަލު ކުރީ ސީދާ ރައީސްގެ އެންގެވުމާއި ހިލާފަށް ކަމަށެވެ. އެފަދަ ފިޔަވަޅެއް ނޭޅުމަށް ރައީސް އިރުޝާދު ދެއްވީ ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ތިބުމާއިއެކު ރާއްޖޭގެ 90 އިންސައްތަ އިމްޕޯޓަށް ބަރޯސާވެފައި އޮތުމެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ބޭންކަށް ހުރި ދަތިތައްތަކުގެ ވާހަކަތައް ދައްކާއިރު މިއީ ސީޒަނަލްކޮށް އަންނަ ޑިޕްއެއް ކަމަށެވެ. އަދި ބޭންކުތަކަށް ޑޮލަރު ލިބުމުގެ ދަތިތައް ހައްލު ކުރަން އެމްއެމްއޭއާއި އެކު މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވި އެވެ.

އިއްޔެ ދުވަސް ފެށިގެން، މެންދުރުވަގުތާއި ހަމައަށް ދިޔައިރު ކުއްލިއަކަށް މީޑިއާތަކަށް ބޭންކް އޮފް މޯލްޑިވްސް ދޫކޮށްލީ ކްރިޑިޓް ކާޑުން ކެނޑޭ ލިމިޓު 90 އިންސައްތަ ކުޑަކުރުމަށް ނިންމާލި ހަބަރެވެ.

ބޭންކުން ބުނީ ލިމިޓު އެހާ ބޮޑު ކުރުމަށް ނިންމީ ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭތީ ކަމަށެވެ. އެއާއި އެކު ބޭރުގައި އުޅޭ ދަރިވަރުން ގޮތް ހުސްވީ މަހުގެ ފަހުކޮޅަށް ގޮސްފައިވާތީ ހަރަދުތައް ހަމަޖައްސާނެ ގޮތެވެ. ބޭރުގައި އެތައް ބަޔަކު ބޭސްފަރުވާއަށް ތިބުމުގެ ސަބަބުން މި ބަދަލާއި އެކު އެ މީހުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތައް ކުރާނެކަން ފާހަގަކުރި އެވެ.

ބޯޑުގެ މި ނިންމުމަކީ، ސަރުކާރުގެ ލަފައާއި ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވާތީ އަނެއްކާވެސް އިތުރު ބޯޑު މީޓިންއެއް ބާއްވައި އެ ނިންމުން އަނބުރާ ގެންދިޔަ އެވެ.

މި ހުރިހާކަމެއް ކުއްލިއަކަށް ހިނގައިދުމުން ސުވާލު އުފެދެނީ، ސަރުކާރާއި އެއް މޭޒެއްގައި މަޝްވަރާ ކުރުމަށް ފަހު ބޯޑުގެ އެފަދަ ނިންމުމެއް އަންނަން ޖެހުނު ސަބަބެވެ. މުޅި މަންޒަރަށް ބަލާއިރު، އޭގެ ފަހުން އުފެދުނު ހާލަތުން ޖަވާބު ވަރަށް ސާފެވެ. ސަރުކާރާއި ދެކޮޅަށް ވަރުގަދައަށް ޖައްސައި އެމްޑީޕީ ނިކުމެ ކުރި މަސައްކަތަކީ، އިގްތިސާދީ ހާލަތު އޮތް ހިސާބު އެނގި ތިބެ ކުރި މަސައްކަތެކެވެ. ހާއްސަކޮށް ގައުމު އަޑި ނޭނގޭ މާލީ އަނދަވަޅަކަށް ވައްޓާލި ވެރިކަމަކީ ވެސް އެ ޕާޓީގެ ފަސް އަހަރެވެ.

އަހަރުތަކެއް ކުރިޔަށް ޖެހިލާއިރު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއް އަހަރު ދުވަހަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ސުޕަ މެޖޯރިޓީން ގޮތް ނިންމީ ބްލޭންކް ޗެކެއް ދޭ އުސޫލުންނެވެ. މިއީ އެއްވެސް އުސޫލެއް، ހިފެހެއްޓުމެއް ނެތި ކުރި މަސައްކަތެކެވެ.

ތަފާސް ހިސާބުތަކާއި އެކު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، އެމްޑީޕީގެ އޮފީހުގައި ޕްރޮޖެކްޓަރު އެޅުވި ނަމަވެސް ފިނޭންސް މިނިސްޓަރަކަށް ހުންނަވައި އަމީރު މަޖިލީހަށް ސިޓީ ފޮނުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ އުސޫލުތަކަށް އަމަލު ކުރުން ހުއްޓައިލުމަށް އެދޭއިރު އެ ފުރުސަތު ލިބުމުން ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް ނެތި އެވެ. އެ ޕްލޭން ފޮނުވާފައި ނުވާތީ އޭރު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރަކަށް ހުންނެވި އަލީ ހާޝިމް ވެސް ކަންބޮޑުވެގެން ނޫޅުއްވަ އެވެ.

ފައިސާ ޗާޕު ކުރުމަށް ފިނޭންސް މިނިސްޓްރީ ނިންމީ، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް އަދި އިތުރު ކުރުމަށް ކުރާނެ މަސައްކަތްތަކެއް ފާހަގަނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިއާއި ކޮމިޓީ މަރުހަލާގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާއިން އެނގެން އެބަހުއްޓެވެ.

އެންމެ ބޮޑު މައްސަލައަކީ އޭރު ވެސް ހަރަދުތައް ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމެވެ. އަދި ރާއްޖެއަށް ކޮންމެހެން އެތެރެ ކުރަން ޖެހޭ މުދާތައް ނޫން އެހެން މުދާތައް އެތެރެ ކުރުމަށް ރިސްޓްރިކްޝަނެއް ގެނެސް އެއް އަހަރުގެ ބަދަލުގައި ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ބައެއް މެމްބަރުން ހިޔާލު ދީފައި ވެއެވެ. ސަރުކާރުން ފައިސާ ހަރަދު ކުރަނީ އުފެއްދުންތެރި މަސައްކަތަކަށްތޯ ބަލައި، މަހުން މަހަށް އޭގެ ޑޭޓާ ބެލެހެއްޓުމަށް ވެސް ހުށަހެޅުނެވެ.

ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓު އޯވަ ޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރު ފާސް ކުރީ ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ކްރެޑިޓް ރޭޓިން މޫޑސް ރިޕޯޓުކޮށްފައި ވަނިކޮށެވެ.

2020 ވަނަ އަހަރު ނިމުނުއިރު އެކަނި ވެސް ދަރަނި 85 ބިލިއަން ރުފިޔާގައި ހުރުމުން އެއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 150 އިންސައްތަ އެވެ. މި ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް އެ ރިޕޯޓަށް ދެކޮޅު ހަދައި 2021 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް އޯވާ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރު ކުރުމަށް އެމްޑީޕީގެ ސަރުކާރުން އެދުނެވެ. އެ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހަށް ފޮނުވި ސިޓީއެއްގައި އަމީރު ވިދާޅުވެފައި ވަނީ ފައިސާ ޗާޕު ކުރުން ނޫން އިތުރު ހަމަ އެއްވެސް ގޮތެއް ނެތްކަމަށެވެ. އެ ހުއްދައަށް އެދުނީ އިގްތިސާދު ރަނގަޅުވަމުން ނުދާތީއާއި ރިސްކުތައް މަތިވުމުންކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އޭރު އަހަރެއްގެ ތެރޭގައި އިގްތިސާދު ރަނގަޅުވިކަމަށް މިހާރު އަމީރު ދައްކަވާ ވާހަކަ ދެކޮޅު ނުޖެހެ އެވެ.

އަނެއްކާވެސް އޭގެ ޖެހިގެން އައި އަހަރު 2022 ވަނަ އަހަރު މަރުކަޒީ ބޭންކުން ދިން އިންޒާރަކީ 2023 ގައި ފައިސާ ޗާޕު ކުރުމުގެ ފުރުސަތު އޮތުމުން އެކްސްޗޭންޖް ރޭޓަށް އަސަރު ކުރާނެކަމަށެވެ. އެ އަހަރުގެ ބަޖެޓުގެ މަސައްކަތްތަކުގައި އެމްއެމްއޭ ބުނެފައި ވަނީ އިތުރަށް ފައިސާ ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުން އެ އިދާރާއިން ބުނީ ޑޮމެސްޓިކް މާކެޓުން ފައިނޭންސް ހޯދަން ޖެހިފައި ވަނީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އަދި އިތުރަށް ފައިސާ ޗާޕު ކުރުމުން ޑޮމެސްޓިކް މާކެޓުން ސަރުކާރުން ހޯދަން ބޭނުންވާ ފައިސާ އެއް ކުރުމަށް އުނދަގޫވާނެކަމަށް އެމްއެމްއޭ ވަނީ ބުނެފަ އެވެ.

2023 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން އެ މުއްދަތާއި ހަމައަށް ޕަބްލިކް އެކައުންޓުން ނެގި ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނާފައި ނުވެ އެވެ.

ދެން ސަރުކާރުން ކުރިކަމަކީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮންޑުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ އަދަދު 8 ބިލިއަން ރުފިޔާގައި ވަނިކޮށް ޗާޕު ކުރި ފައިސާގެ ތެރެއިން 4.2 ބިލިއަން ރުފިޔާގެ މުއްދަތު ބޮންޑަކަށް ބަދަލު ކުރުމަށް ނިންމުމެވެ. އޭގެ ކުރިން 2022 ގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްކަމަށް ބުނެ އެއްފަހަރާ 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި އެވެ.

ސަރުކާރުން ދޫކުރާ ޓީބިލްތައް އިންވެސްޓަރުންނަށް ރޯލްއޯވާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ އަހަރުގެ މުއްދަތުގެ ތެރޭގައި 22 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ޓީބިލަށް ދައްކަން ޖެހޭ ޖުމްލަ 47.6 އަށް 2022 ވަނަ އަހަރު އަރަ އެވެ.

ދިވެހިރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑު ކުރިޔާއަޅާ ބަލައި އާންމު ދިރިއުޅުމުގައި ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އަދި ޑޮލަރ އައުޓްފްލޯއެއް އޮތް އިރު އެކަން ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް އިއްޔެ އެ ހިނގައިދިޔަ ކަންތައްތަކަކީ، ސަރުކާރުން ދިން ލަފައާއި އިރުޝާދާއި ހިލާފަށް އާންމު ކުރި ނިންމުމެކެވެ.

ފިނޭންސަކީ މައި ޝެއާ ހޯލްރުކަމަށްވުމުން ސަރުކާރާއި ބީއެމްއެލް ދެމެދު އެކި ލެވެލްތަކުގެ ގިނަ މަޝްވަރާތައް ކުރިޔަށް ދެއެވެ. އޭގެ ތެރޭގައި ބޭންކަށް ދިމާވާ ދަތިތަކާއި ހުރި މައްސަލަތައް ހުށަހަޅައި ހައްލު ކުރުމަށް މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ ދަރަނި ވަނީ 120 ބިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. ދަރަނި މިހާ ބޮޑުވީ، ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫންވެސް ބޭނުންތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެވެ.  އަންދާޒާ ކުރެވޭ ގޮތުގައި ޖުމްލަ ދަރަނިީގެ ނިސްބަތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހެނީ 182،943 ރުފިޔާ އެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ސުވާލުތަކެއް މިއަދު އުފައްދާއިރު މިއީ އެއްވެސް ގޮތެއްގައި ކޮވިޑު ނުވަތަ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ބަހަނާއެއްގެ ގޮތުގައި ދައްކައި ނިންމާލެވޭނެ ވަރުގެ ވާހަކަތަކެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާއި، އަދި އެހެނިހެން ރީސާޗް ރިޕޯޓުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވާން ފެށީ 2019 ގަ އެވެ. ކޮވިޑުގެ ސަބަބުން ދަތިތަކެއް ދިމާވެ، އާމްދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވުމާއި އެކު ސަރުކާރުން އެކަމުގެ ހައްލެއްގެ ގޮތުގައި ދެކުނީ ފައިސާ ޖެހުމެވެ.

މި ދެންނެވި ހާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، މާލީ ނިޒާމުގެ ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކާއި އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑާއި، ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލު އަދި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ މަސައްކަތް ދަނީ ކުރިޔަށެވެ. މީގެއިން ވެސް އެނގެނީ އިގްތިސާދީ ފިޔަވަޅުތައް އިއުލާނުކޮށް ދަތި ހާލަތުން ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ، ޑޮލަރުން ޖަމާކޮށްފައި އޮތް ފަންޑު ވެސް އެއްކޮށް ދޮވެލާފަ އެވެ. އެހެންކަމުން ބޭނުން ގޮތަކަށް ފައިސާ ނަގަމުން ދިޔަ އެ ފަންޑު ހިތު ހުރި ގޮތަކަށް ބޭނުން ނުކުރެވޭ ގޮތަށް ގާނޫނީ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް އެ މަސައްކަތަށް ހުރަސް އެޅޭގޮތަށް، އަދި ރައްޔިތުންގެ ހިތުގެ ތެރޭގައި ސަރުކާރާއި މެދު ނަފްރަތު އުފެދޭ ގޮތަށް ނިންމުމެއް އައީ ބޭންކުގެ ސީއީއޯ، ކާލް ސްޓުމްކެ އިހުމާލުގެ ސަބަބުންކަން ޔަގީނެވެ.

އެ ނިންމުން ނިންމައި، ސީއީއޯ ކާލް ފޮނުވި އިންޓާނަލް މެސެޖެއްގައި ބުނެފައި ވަނީރުފިޔާ އެކައުންޓުތަކުގައި ހުންނަ ފައިސާ ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް މުއާމަލާތު ކުރުމުގައި ކަސްޓަމަރުން އެ ބޭނުން ކުރަނީ އަމިއްލަ ޑޮލަރެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރާއި ވާހަކަ ދައްކައިގެން ހައްލު ކުރެވެން އޮތްކަމެއްގައި، އެ ކަންބޮޑުވުން އެހާ ހިސާބަށް ސީއީއޯ ނުގެންދިއުމަކީ އޭނާގެ މަގާމުގެ ގާބިލުކަމާއި މެދު ސުވާލު އުފެއްދޭހާ ބޮޑު މައްސަލަ އެކެވެ.

ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ތެރޭގައި ސަރުކާރުން މި މައްސަލައަށް ހައްލު ގެނެސް ރައްޔިތުންނަށް ދިން ޔަގީންކަމަކީ ރާއްޖޭގެ ރިޒާވް އިތުރުކޮށް ޑޮލަރު ހޯދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންނަށް އޭގެ އަސަރުކޮށްފާނެ ފަދަ އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށެވެ.

ވަރަށް ގަދަ
35%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 48%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: