އަމާޒަކީ ވެރިކަމަށް އަހަރެއް ފުރުމުގެ ކުރިން ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ މެމްބަރުންގެ އަދަދު 75،000 އަށް އެރުންކަމަށް ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އެހީތެރިވުމަށް އެންމެ ފުރަތަމަ ވެސް ނިކުންނަ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން ކަމަށެވެ. މާލެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި ރައްޔިތުންނަށް ލިބުނު އެތައް ގެއްލުމަކުން އަރައިގަތުމަށް އެހީތެރިކަން ދިނުމަށް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދެވުމުން އެކަމަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އޮތް ޕާޓީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޕީއެންސީގެ ސިޔާސީ ހަރަކާތް ރައްޔިތުން ބަލައިގަތުން ކަމަށެވެ. ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނާއި ހަމައަށް ސައްހަ ނޫން އެއްވެސް ފޯމެއް ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ވެރިކަމަށް އަހަރެއް ފުރެން ގާތްވެފައިވާއިރު، ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ދެކެން ބޭނުން ވަނީ ޕާޓީގެ މެމްބާޝިޕްގެ އަދަދު 75،000 އަށް އެރުން ކަމަށެވެ. އެއީ ސިޔާސީ ޕާޓީއެއްގެ މަސައްކަތެއްގެ ތެރެއިން ރައްޔިތުން އެންމެ ބަލައިގަންނަ އަދި ބޭނުންވާ މަސައްކަތެއް ކުރަނީ ޕީއެންސީއަށް ވާތީކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން.. ހަމަ ތިގެންދަވާ ގޮތަށް ތިގޮގުގައި ގެންދަވުމަކީ ރާއްޖޭގައި މި އޮތް ނިޒާމަކީ އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި މިކޮށްދޭ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.. އަޅުގަނޑުމެންގެ ފަރާތުން ނާންނާނެ ފޭކު ފޯމެއް.. މި ހަގީގީ ފޯމުތައް މިއައީ.. ކުރިޔަށް އޮތްތަނުގައި ވެސް ހުށަހަޅާނީ ހަގީގީ ފޯމުތައް.. އަޅުގަނޑުގެ އުންމީދަކީ ދިވެހިންގެ މި ރާއްޖެއަށް އެ އަހަރު ފުރުމުގެ ކުރިޔަށް ކޮންގްރެސް ޕާޓީގައި 75000 މެމްބަރުން ތިބޭތަން ނިކަން ދެކޭހިތްވޭ..
ރައީސް ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ބިނާކޮށް، މަސައްކަތް ފަށައިގަންނަން ޖެހުނީ އެއްވެސް ބާރެއް ނެތިކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ މެމްބަރުންނެއް ތިބުމުގެ ސަބަބުން އިދިކޮޅުގެ އަޑު އިއްވުމުގެ ޖާގަ ނުލިބި އޮވެ ފަސް އަހަރު ވެގެން ދިޔައީ ދަތި އުނދަގޫ މަސައްކަތެއްގެ ތެރެއިންކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އުނދަގޫތަކުން އަރައިގަނެ، ރައްޔިތުން ބޭނުންވާ އަސްލު ދިވެހިންގެ ރާއްޖެއަށް ގެންދިއުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

