ބަޢާވާތް ހިންގަން އުޅުނު ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އިސްތިއުފާ ދޭން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ދިވެހި އެތައް ރައްޔިތެއްގެ ހައްގު މިއަދު ބޭންކް އޮފް މޯލްޑިވްސްގައި އޮތް ކަމަށެވެ. ބީއެމްއެލްއަކީ ގައުމީ ބޭންކު ކަމަށާއި ދިވެހިރައްޔިތުން އެ ބޭންކަށް ކޮންޓްރިބިއުޓު ކުރާތީ ބީއެމްއެލްގެ ޒިންމާތަކެއް އޮންނަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އެހެން އިރު އަރާފައި ރައްޔިތުންގެ ކަރުގައި ހިފޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ރައްޔިތުންގެ ކަރުގެ ހިފާ ވާހަކަ މިދަންނަވަނީ. ރައްޔިތުން އާމްދަނީ ހޯދަމުންދާ ސޯސް މިއަދު ބޭންކަށް މިއޮންނަނީ ބަރޯސާ ވެފައި. ރައްޔިތުން އޮންނަނޯ އެކާޑަށް ބަރޯސާ ވެފައި. ކިޔަވާ ކުދިން އޮންނަނީ އެކާޑަށް ބަރޯސާވެފައި. ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް އޮންނަނީ އެކާޑަށް ބަރޯސާވެފައި. އެގޮތަށް އިރު އަރާފައި ސަރުކާރުގެ ނުރުހުމާ އެކީގައި އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ. އެއީ ބަޢާވާތުގެ ބައިވެރިން. މިއަދު ބޭންކް އޮފް މޯލްޑިވްސް މި ޑިސިޝަން ނެގުމުގައި މަސައްކަތްކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަޢާވާތް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން“
ޝިިޔާމް ވިދާޅުވީ މިއަދު ބީއެމްއެލްގެ ބޯޑުގައި އެ މެންބަރުން ތިއްބަވާނެ ކަމެއްނެތް ކަމަށާއި އަދި ބީއެމްއެލްގެ ސިއީއޯވެސް ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ. މިހާ ބޮޑު ގެއްލުމެއް ދިވެހިގައުމަށާއި ދިވެހި ރައްޔތުންނަށް ދޭން މަސައްކަތް ކުރި ފަރާތަކަށް މިއަދު ބީއެމްއެލްގެ އެންމެ މަތީ މަގާމުގައި ހުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މިޑިޒިޝަން އާއި ހިސާބަށް ދިޔައިރު ރައީސްހެ އިރުޝާދާއި އެކު އިކޮނޮމިކް ކައުންސިލުންވެސް މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިކޮނޮމިކް ކައުންސިލުން ވަރަށް ސާފުކޮށް އެ ޑިސިޝަން ނުނެގޭނެ ކަމަށާއި ބީއެމްއެލްފަދަ ބޮޑު ބޭންކަށް އެނޫންގޮތްތައް ހޯދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެހެން ނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށެވެ. ރައީސްވެސް މަޝްވަރާކުރައްވައިގެން އެކަންކަން ކުރެވޭތޯ ބެއްލެވި ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކިރައްވާ އަދި ދިވެހި ގައުމުގެ އެންމެ އިސް ފަރާތައް ވަތީ ނިންމަންޖެހޭ ނިންމުމެއް ނުވަތަ ދެއްވަންޖެހޭ އިރުޝާދެއް ދެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

