މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ޖަލްސާއެއްގައި ފެތުރި ރިޕޯޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، ހިންގަވާ ޕީއެންއެފްގެ ޖަލްސާތަކުގައި މިފަހަކަށް އައިސް ރައީސް މުއިއްޒަށް ގެންދަވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން ހިޔާނާތުގެ މަންފާ ރައީސް މުއިއްޒު ނެންގެވިކަމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ރިޝްވަތު ނެންގެވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާއި ގުޅުވައި ކުރި ތުހުމަތުގެ ރައްދުގައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ވެސް ދައުރު ކުރަމުން ދިޔަ އެކި ލިސްޓުތަކާއި ފައިސާ ލިބުނުކަމަށް ޝައްކު ކުރެވޭ ޑްރާފްޓު ލިސްޓެއްގައި ވެސް އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ނުވަތަ އެ ފައިސާގެ މަންފާ ނެގިކަމަށް ބުނެ މައްސަލަ އުފެދި މިވީ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެއްވެސް ތުހުމަތެއް ނެތްކަމަށެވެ. ހިޔާނާތުގެ ލިސްޓެއްކަމަށް ބުނާ ލިސްޓެއްގައި ޑޮލަރު މާރުކޮށް ކުޑަކުޑަ ވިޔަފާރިއެއް ކުރި މީހާގެ ނަން އޮތް އިރު ވެސް އެމަނިކުފާނަށް ކުރި އެއްވެސް ތުހުމަތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
ނޯންނާނެ، އެކި ގޮތްގޮތަށް ބަދަލު ކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ އެޔަކު.. އަޅުގަނޑަކީ އެކަމުގައި ބައިވެރިވި މީހުންނެއް ނޫން، ވިޔަފާރި ކުރުމާއި ޑޮލަރު މާރު ކުރުމާއި، ޑޮލަރު ދޭ ބައެއްގެ ގޮތުގައި ވިޔަސް.. އެގޮތުން ވެސް އަޅުގަނޑުގެއް ނަމެއް ނެތް.. އެހެންވީމަ މި ލިސްޓެއް އައިމަ އަޅުގަނޑު ވެސް ވަރަށް ހައިރާންވެއްޖެ.. ދެންނެވިން ފުލުހުން ގާތު މި މައްސަލަ ބަލައިދޭށޭ.. ބަލާފައި އެބައޮތް ތަފްސީލު ފޮނުވާފައި.. އެރޭ އެ ނެރުނު ޑޮކިއުމަންޓުގައި ހުރީ ފޭކު ފޯޖުތައް..
ފްރޮންޓު އޮފީހުގައި އެރޭ ޑޮކިއުމެންޓެއް ދައްކައި، އެއީ އަސްލެއްކަމަށް ބުނެ ތުހުމަތުތައް އަޅުވަމުން ގެންދާތީ އެކަން ބަލައިދޭން އެދި ފުލުހަށް ދެންނެވުމުން ލިބުނު ރިޕޯޓުގައި އެއީ ފޯޖުކޮށްފައިވާ އަސްލެއް ނެތް ލިއުމެއްކަމަށް ޖަވާބު ލިބުނުކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ފުލުހުންގެ ފަރާތުން މީޑިއާތަކަށް ވެސް އެންގިކަމަށެވެ.
ރައީސް ވިދާޅުވީ ސާބިތު ހެކިކަމަށް ބުނެ ބޮޑު ސްކްރީނުގައި ޑޮކިއުމަންޓުތައް ދައްކާއިރު އެކަމަށް ހައިރާންވާކަމަށެވެ. ތަކުރާރުކޮށް ދޮގުތައް ހަދަމުން ގެންދާއިރު، މިއަދު އެފަދަ މީހުން އެކަންކަމުން ދުރުހެލިވުމަށް ދޭންވީ ކޮން ނަސޭހަތެއް ވެސް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ހިތްވަރުދޭން ބޭނުން ވަނީ ޒިންމާދާރުވާން.. މިއީ ޑިމޮކްރަސީއެއް.. ޑިމޮކްރަސީއެއްގައި ޒިންމާދާރު އޮޕަޒިޝަނެއް އޮންނަން ޖެހޭ
ޒިންމާދާރު އިދިކޮޅެއްގެ ރޯލު އަދާކުރުމަށް ގޮވާލައި ރައީސް ވިދާޅުވީ، ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނީ ޖަވާބުދާރީ ކުރުވާ އިދިކޮޅު ޕާޓީއެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އަމަލު ކުރާ ގޮތަކީ އިދިކޮޅުވެ ސަރުކާރަށް އުނދަގޫކޮށް ޖެއްސުންކޮށް ދޮގު ފެތުރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

