ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޤްޞާ މިސްކިތުގައި ފައްޅިއެއް އެޅުމަށް ގޮވާލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާތްވެގެންވާ އަޤްޞާ މިސްކިތުގެ ތެރޭގައި ޔަހޫދީންގެ ފައްޅިއެއް އެޅުމަށް ގޮވާލާ އިސްރާއީލުގެ ވަޒީރަކު ދާދިފަހުން ދެއްކެވި ވާހަކަ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫޙާނީ ގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެއް ކަމަށެވެ. އަދި އެއީ ހަމައެކަނި އަޅުކަން ކުރުމަށް ޚާއްސަ ތަނެއް ނޫން ކަމަށާ އެއީ އިސްލާމީ ހަޟާރާތުގެ މުހިއްމު ބިނާއެއް ކަމަށެވެ. އެކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން އެތަނަށް ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމޭހިތުމަށް ގޮވާލައިފައެވެ.

އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ ސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުޞަތު އެބައޮތެވެ.

ގުދުސް އާއި އެތަނުގެ މާތް ތަންތަނުގެ ހައިސިއްޔަތު ބަދަލުވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ބަޔާނުގައި ބުނީ ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ހައްގު ހޯދުމަށް ގޮވާލުމުގައި ދެމިތިބޭނެ ކަމަށެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުންތަކުގައި ދެމިތިބޭނެކަމަށެވެ.

އަލްމަސްޖިދުލް އަޤްޞާ ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގުވިރް ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭރު އޭނާ ބުނީ އަޤްޞާ މިސްކިތުގައި އަޅުކަން ކުރުމުގެ ހުއްދަ އެމީހުންނަށްވެސް އޮންނަންވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: