ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޑިޖިޓަލް ސްމާޓް މީޓަރ ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިފަދައިން ވިދާޅުވީ ދ. ކުޑަހުވަދޫގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢު މިހާރު ވަނީ ނިންމާލެވިފައެވެ.
ޠާރިޤް ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރުގެ އެހީއާއެކު، ކަރަންޓު އެންމެ ގިނައިން މިންވަރާއި ވަގުތު ދެނެ ގަނެވޭނެ ކަމަށެވެ. އަދި ގޭބިސީތަކުގައާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވިނަމަ ވެސް ސްމާޓް މީޓަރް މެދުވެރިކޮށް އެނގިގެންދާނެ ކަމަށެވެ.
ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވި، ކަރަންޓު ބޭނުންކުރުމުގައި ރައްޔިތުން އެކަމަށް ސަމާލުވާކަމުގައިވާނަމަ މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަރަންޓުގެ އަގު ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ މީޓަރުތައް ހަރުކޮށް، ޕައިލެޓް ޕްރޮގްރާމް ފަށާފައިވަނީ ކުޑަހުވަދޫގައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދުއުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ނެވެ.
ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ކަރަންޓް ބިލު ބޮޑު ވުމާއި ގުޅިގެން އާންމުންގެ ސަކުވާތައް ބޮޑު ވެފައިވާއިރު، މި ކަމުގެ ސަބަބުން ކޮންމެ ގެ އަކުންވެސް ކަރަންޓްގެ ޙިދުމަތް ބޭނުން ކުރެވޭ ވަރު އެނގިގެން ދާނެއެވެ.

