ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެކި މައްސަލަތަކުގައި 3،322 ބޭރު މީހަކު ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭނުން ހާމަކޮށްފި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ގަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަމަށް ގިނަ ތަންތަން ބަލާ ފާސްކޮށްފައި ވެއެވެ. އަދި އިމިގްރޭޝަނުގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެފަދަ މައްސަލަ ހުށަހެޅޭނެ ވަސީލަތެއް ގާއިމުކޮށްފައި ވާތީ އާންމުންގެ ފަރާތުން ލިބޭ ރިޕޯޓުތަކުގެ މައްސަލަ އިމިގްރޭޝަނުން ދަނީ ބަލަމުންނެވެ.
ބިދޭސީން ގަވައިދާ ހިލާފަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފެށި މަސައްކަތުގައި، އިމިގްރޭޝަން އެންމެ ފުރަތަމަ ބަލާ ފާސްކުރީ ކާބޯތަކެތި ތައްޔާރު ކުރާ އެ މީހުން ދިރިއުޅެމުންދާ ކުދި ގޮޅިތެކެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތި، މުޑުދާރުކޮށް ތައްޔާރު ކުރާ މި ކާބޯތަކެތީގެ ތެރޭގައި ދިވެހިން އާންމުކޮށް ބޭނުން ކުރާ ތަކެތި ހިމެނެ އެވެ. އެގޮތުން ބާގާ، ސޭންޑްވިޗް، ސަބްމެރިން އަދި ކާޖާއާއި ތެލުލިފަތާއި މަސް މިރުހުގެ އިތުރުން ކިއްލި ފަދަ ދަތަކެތި އޭގެ ތެރޭގައި ހިމެނެ އެވެ.
މި މައްސަލަތަކުގައި އިމިގްރޭޝަން އެ މުވައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ޑީޕޯޓު ކުރިއިރު މިވަގުތު ރެއިޑު ޖަހަމުން ދަނީ ސެލޫންތަކާއި ސްޕާތަކަށެވެ. އަދި މިފަދަ ތަންތަނުގައި ވެސް އެއްވެސް ރެޖިސްޓްރީއެއް ނެތި ގަވައިދާއި ގާނޫނާއި ހިލާފަށް މަސައްކަތް ކުރި މީހުން ޑީޕޯޓު ކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ސެލޫން ހިންގާ މަޝްހޫރު ދެ މީހަކު ވެސް ހިމެނެ އެވެ.
މަސައްކަތްތަކުގެ މައުލޫމާތު ދީ އިމިގްރޭޝަނުން ބުނީ، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ބިދޭސީންނާއި ގުޅުން ހުރި 257 ތަނަކަށް ރެއިޑު ކުރިކަމަށެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝާމިލުވި 3،322 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާކަމަށް މައުލޫމާތު ދިނެވެ.
އިމިގްރޭޝަނުން ބުނީ ޑީޕޯޓު ކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހުންނާއި ލިޔެކިއުންތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. މީގެތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ މީހުން ވެސް ހިމެނޭކަން އިމިގްރޭޝަނުން ފާހަގަކުރި އެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ ބޭނުންވާ އަދަދަށް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނުގެނުވުނު ނަމަވެސް މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައިވާނެކަމަށެވެ.
މި މަސައްކަތް ފެށިފަހުން ބިދޭސީން ފޮރުވިގެން ތިބެ ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވިވާތީ ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް މަސައްކަތެއް ކުރުމަށް ޖާގައެއް ނުދޭނެކަމަށެވެ. ކެފޭތަކާއި، ކާބޯތަކެތި ތައްޔާރު ކުރަމުން އައި ކުދިކުދި ގޮޅިތަކުގައި ވަކި ގޮތަކަށް ހިދުމަތް ދެމުން ގެންދާއިރު އެފަދަ ބައެއް ތަންތަން ފާހަގަކޮށް ބަލައި ފާސް ކުރާނެކަމަށް ޝައްމާން ވިދާޅުވި އެވެ. އަދި ބައެއް ތަންތަން މޮނީޓަރ ކުރަމުން ގެންދާކަމަށް ވެސް ހާމަކުރެއްވި އެވެ.

