5 އަހަރު ތެރޭގައި 5 ލައްކަ ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ސްޓެލްކޯއިން މިހާތަނަށް ޖުމްލަ 30،000 ގަސް އިންދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވާފައިވާ ’5 އަހަރުން 5 މިލިއަން ގަސް‘ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ 5 އަހަރުތެރޭގައި 5 ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.
އެ ޕްރޮގުރާމްގެ ދަށުން ސްޓެލްކޯއިން ވަނީ ޖޫން 5 ވަނަ ދުވަހު ކ. ތުލުސްދޫ އަދި ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރަށްރަށުގައި ޖުމުލަ 21،007 ގަސް އިނދާފައެވެ. އަދި ކ. ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮށްޓްރެކްޓަރާއި ހަވާލު ކުރުމަށާއި އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި 1000 ގަސް އިންދާފައިވާނެ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދެއްވައިފައެވެ. ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ސްޓެލްކޯއިން ހިދުމަތްދޭ އެކި ރަށްރަށުގައި ޖުމްލަ މިހާތަނަށް 8364 ގަސް އިންދާފައި ވެއެވެ.
ކުރިއަށް އޮތް ތަނުގައި ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ކޮންމެ މަހަކުވެސް ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދެއްވައިފަ އެވެ. އަދި އެ ކުންފުނިން މިހާތަނަށް ޖުމްލަ 30،371 ގަސް ވަނީ އިންދާފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމް ރައީސް އިއުލާންކުރެއްވީ ނިމިދިޔަ ޑިސެމްބަރ މަހުގައި އޮތް ”ކޮޕް28“ ގަ އެވެ. އަދި މިހަރަކާތް މާލެ އާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

