ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާގެ މަސައްކަތްތައް ރާއްޖޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ކަނޑުރޯދިން ނަފާ ހޯދުމުގެ ވިސްނުން ވަރަށް ބޮޑަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާކަމަށާއި މެރިކަލްޗާގެ މަސައްކަތްތައް ވަކި ސިނާއަތެއްގެ ގޮތުގައި ފެށުމަށްޓަކައި ތައްޔާރީތައް ވަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު މިނިސްޓްރީއިންވަނީ އެ މަސައްކަތްތަކަށް ހުޅުވާލާ ސަރަހައްދުތައް ކަނޑައަޅާފައިކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްތައް ކުރުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، އެ ސަރަހައްދުތަކަކީ ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގައި ތިބި ޝައުގުވެރިވާ ފަރާތްތަކަށްވެސް ހުޅުވާލެވިގެންދާނެ ފުރުސަތެއްކަމަށާއި ކޮމާޝަލް މިންގަނޑުތަކުގައި ކުރެވޭ ވަރުގެ ޖާގައެއް ވަރަށް އަވަހަށް ކެބިނެޓުން ފާސްކުރުމަށްފަހު ހާމަކުރާނެކަމަށް މައުލޫމާތު ދެއްވިއެވެ.
ޝިޔާމް ވިދާޅުވީ، ލޭނުގެ މަސްވެރިކަމަށްވެސް ފުރުސަތު ފަހިކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ އެކި ފަހަރު މަތިން ރާއްޖޭގައި ފެށުމަށްފަހު ހުއްޓާފައިވާ މަސައްކަތްތަކެއް ކަމަށްވެސް މައުލޫމާތު ދެއްވިއިރު، މި ސަރުކާރުން އެކަން ކުރުމަށް ނިންމާފައިވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއިއެކު މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައްވެސް އެއްހަމަ ކުރުމުގެ ގޮތުންކަމަށް ސިފަކުރެއްވިއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާކަމަށްވުމުން މަތީ ފަށަލަ ތަކުން މަސްވެރިކަން ކުރުން ހީނަރުވަމުންދާކަމަށްވުމުން ފުނުގައި އުޅޭ މަހަށް ޓާގެޓުކޮށްގެން ކުރެވޭ ލޭނުގެ މަސްވެރިކަމުގެ ސަބަބުން ސިނާއަތު ދެމެހެއްޓިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލޭނުގެ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރަށް ގަބޫލުކުރެވޭކަމަށާއި ފެބްރުއަރީގައި އެ މަސައްކަތްތައް ފެށުމަށް ސަރުކާރުން ރާވާފައިވާކަމަށްވުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވީހާވެސް ގިނަ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައިި ސްޓޭކް ހޯލްޑަރުންނާއިއެކު މަސައްކަތްކުރަމުންދާނެކަމަށް ވިދާޅުވިއެވެ.

