ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމު މުޅި މާލޭގައި ކުރިޔަށް ގެންދާ ގޮތަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
މީޑިއާތަކަށް އިމިގްރޭޝަނުން ބުނެފައި ވަނީ މާލޭގެ ސަރަހައްދުގައި ގަވައިދާ ހިލާފު މަސައްކަތްތައް ކުރަމުން ގެންދާ ބިދޭސީން އަތުލައިގަނެ މައުލޫމާތު އެއްކުރުމުގެ އޮޕަރޭޝަން ފުޅާކޮށްފައިވާކަމަށެވެ. 52 ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ހަރަކާތަށް މާލެ 26 ޒޯނަކަށް ވަނީ ބަހާލާފަ އެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވިޔަފާރިތައްކޮށް، ކާބޯތަކެތި ވިއްކައި ތައްޔާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެހެން ބައެއް ވިޔަފާރިތަކުގައި އެ މީހުންނަށް ދިވެހިންގެ ވެސް އެހީތެރިކަން ލިބޭތީ ނަސޭހަތް ދިނުމުގެ މަސައްކަތް ވެސް ކުރާނެކަމަށް ބުންޏެވެ.
ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެހެން ބައެއް މުވައްސަސާތައް ހިމަނައި ޕްރޮގްރާމް ފުޅާކުރީ މިދިޔަ ހުކުރު ދުވަހެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ލަފާދެއްވާފައި ވަނީ މި މައްސަލައިގައި ސަރުކާރާއި ދައުލަތުގެ އެއް ވުޒާރާ އަނެއް ވުޒާރާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.
އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާއި އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެކަން ފާހަގަކޮށް މިނިސްޓަރ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ބައިވެރިވެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ގިނަ ބަޔަކު މިވަގުތު ވެސް ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގަ އެވެ. އަދި މިހާތަނަށް ތިންހާހަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

