އިގްތިސާދީ ހާލަތު ގޯސްވެ، މާލީ ހާލަތު ދަށްވެފައިވުމަކީ ލިބޭ އުފަލެއްގެ ގޮތުގައި އެމްޑީޕީ އެ ވާހަކަ ދައްކަމުން ގެންދިއުމުން ކަންބޮޑުވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ. އަދި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އޭގެ ހެޔޮ ބަދަލު ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.
މިފަހަކަށް އައިސް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާހިސާބަށް އަތުވެދާނެކަމަށް އަންދާޒާކޮށް އެ ވާހަކަ ކުރިން ދައްކާފައިވާނެކަމަށެވެ. ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގައި، ޕީޕީއެމް/ޕީއެންސީ އިދިކޮޅު ޕާޓީގެއެއްގެ ރޯލު އަދާކުރުމަށް ކުރި މަސައްކަތާއި މާލީ ކަންކަމާއި ގުޅުވައި ހުރި މައްސަލަތަކާއި ގަރާރުތައް މަޖިލިސް ޔައުމިއްޔާތަކުން ފެންނަން ހުންނާނެ ކަމަށެވެ.
ސައީދު ވިދާޅުވީ އުފެދިދާނެ ހާލަތަކަށް ބެލުމެއް ނެތި، ފައިސާ ޗާޕުކޮށް އޭގެ މައްޗަށް ލޯނު ނަގަމުން ދިޔައީ އެމްޑީޕީކަމަށެވެ. މިއީ ގޯސް ނަތީޖާއެއް ނިކުމެދާނެ ނިންމުމެއްކަމަށާއި، ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށްވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނުމުން އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދޭން އެމްޑީޕީ މަސައްކަތް ކުރިކަމަށް ސައީދު ވިދާޅުވި އެވެ. އިސްލާހީ މަސައްކަތްތައް ފެށުމަށް ބާރުއަޅައި، އެއްބާރުލުން ދިނުމަށް މަސައްކަތް ކުރުމުން އެކަން ގަބޫލު ނުކުރީ އެމްޑީޕީކަމަށާއި، އެއީ އަމިއްލަ މަންފާއަށް ވިސްނާތީކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް އޭގެ އަސަރުކޮށް ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު ފިޔަވަޅުތައް އެޅެން އޮއްވައި، ފަސޭހަ މަގު އިހުތިޔާރު ކުރުމުގެ ގޮތުން އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން އަހަރުން ޗާޕު ކުރިކަމަށް ސައީދު ފާހަގަކުރެއްވި އެވެ. މިއީ ގައުމުގެ ހައްގުގައި ކުރި މަސައްކަތަކަށް ވުރެ ބޮޑަށް އޭރު އައި ބޮޑު ދެ ބައި އިލެކްޝަނަށް ހޯދަން ބޭނުންވި ފައިސާކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުގައި 2023 ޖެހެންދެން ފައިސާ ޗާޕު ކުރަމުން ދިޔައީ، އޭގެ ނާޖާއިޒް ފައިދާ ނަގައި ހޯދި ހުއްދައިގެ ދަށުންކަމަށް ސައީދު ވިދާޅުވި އެވެ. އެއަށް ފަހު ސައީދު ވަނީ އޭނާ މާވަށު ދާއިރާގެ މެމްބަރަކަށް ހުންނަވައި މޯލްޑިވްސް މަނިތަރީ އޮތޯރިޓީގެ ގަވަނަރަކަށް އޭރު ހުންނެވި އަލީ ހާޝިމާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއަށް ފޮނުވި ސިޓީއެއް ނޫސްވެރިންނަށް ދައްކަވާފަ އެވެ.
ސައީދު ވިދާޅުވީ އެމްޑީޕީ ކުރާ އެކަމެއްގެ ސަބަބުން، އޭގެ ގޯސް ނަތީޖާ ނިކުންނާނެކަން ތަކުރާރު ކުރަމުން ދިޔަކަމަށެވެ. އަދި މިއަދު ކުރިމަތިލަމުން މިދަނީ އެ ހާލަތުކަމަށް ސައީދު ވިދާޅުވި އެވެ.
އޭރު އަޅުގަނޑުމެން ދެއްކި ވާހަކަތަކުގެ ތެރޭގައި މިކަން މިގޮތަށް އަމަލު ނުކުރާށޭ ކިޔާ ފޮނުވި ސިޓީތައް މިއީ…އަޅުގަނޑުމެން ޕާޓީގެ ލީޑާޝިޕުގައި މަޝްވަރާކޮށްގެން އޭރު މަޖިލީހުގައި ކިޔައިދެމުން ދިޔައީ ޕާޓީގެ ވިސްނުން…. ފައިސާ ޗާޕު ނުކުރާށޭ.. ޗާޕު ނުކުރާށޭ، ކޮންމެވެސް ހިސާބަކުން މި ހާލަތު އަޅުގަނޑުމެންނާ ބައްދަލުކުރާނޭ
މީގެއިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ދައުލަތަށް ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީ ހުރީ ގާތްގަނޑަކަށް 04 މިލިއަން ޑޮލަރުގައިކަމަށެވެ. އެހެން ނަމަވެސް ހަރަދުތައް ކުރަން ޖެހޭ މިންވަރު އޭގެ އެތައް ގުނައެއް މަތީގައި ހުންނާނެކަމަށާއި އެވްރެޖުކޮށް އެއީ 12 މިލިއަން ޑޮލަރުކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަރަދު ބޮޑުވުމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ދަރަނީގެ ސްޓޮކަށް އައީ އަށް މިލިއަން ޑޮލަރު އިތުރުވަމުން ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށާއި، މާލީ ހާލަތުގެ ވާހަކައަކީ ބޭނުންވާހާ ގޮތަކަށް ފެތުރޭނެ ވާހަކައެއް ނޫންކަމަށެވެ. އަދި ގޯސް ހާލަތެއްގެ ވާހަކަ، ނުވަތަ ރިޒާވް ދަށްކަމަށް ކަންބޮޑުވާ މޭރުމަކުން ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީގެ އަމަލުތަކުން ފެންނަނީ އުފާކުރާ މަންޒަރުކަމަށް ސައީދު ވިދާޅުވި އެވެ.

